މާލެ ސަރަހައްދުގައި ހަދާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ ހުޅުމާލެ ފޭސް 2 ގައި އިއްޔެ އަޅުއްވައިފިއެވެ.
އިއްޔެ ހަވީރު ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮއްދެއްވައި ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ޕެޓް ކެއަރ ފެސިލިޓީ އަކީ މާލެ ސަރަހައްދުގައި މަގުމަތީގައި އުޅޭ ބުޅާތަކަށް ކުރާ އަނިޔާތަކާއި, ބަލިތަކުން އެ ބުޅާތައް ސަލާމަތްކޮށް ރައްކާތެރި މާހައުލެއް ހެދުމަށް ގާއިމް ކުރާ ފެސިލިޓީއެކެވެ. މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރުމާއި، ކްލިނިކަކާއި، ފާމަސީއާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ޞިއްޙީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ޚިދުމަތްތައް ހިމެނޭނެކަމަށް މާލެ ސިޓީ ކައުންސިލްއިން މައުލޫމާތު ދެއްވާފައިވެއެވެ.
އިއްޔެ ބިންގާ އެޅިގެންދިޔަ ފެސިލިޓީއަކީ މާލެ މަގުތަކުގައި މަގުމަތީ ބުޅާތައް ގިނަވުމުން ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެފައިވާ ރިޔާސީ ވިއުދެކެވެ.