ޔޫއޭއީ އާއި މިސްރުން 90 ޓަނުގެ އެހީ ވައިގެ މަގުން ޣައްޒާއަށް ފޯރުކޮށްދީފިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދިފާއީ ވުޒާރާއިން ބުނީ މިއީ މިފަހުން ޣައްޒާއަށް މިހާ ގިނައި އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރު ކަމަށާއި، މިސްރުގެ ވައިގެ ސިފައިންނާއި ޔޫއޭއީގެ ވައިގެ ސިފައިން ގުޅިގެން ހިންގި މި ޕްރޮގްރާމްގައި އުތުރު ޣައްޒާއަށް ބޭނުންޖެހިފައި ހުރި ތަކެތި ފޯރުކޮށްދެވިފައި ވާނެ ކަމަށެވެ.
އެއްގަމު މަގުން އެހީ ފޯރުކޮށްދޭ ލޮރީތަކަށް އިޒުރޭލު ސިފައިން ހަމަލާދޭތީ ޣައްޒާއަށް އެހީފޯރުކޮށްދިނުން ވަނީ ދަތި ކަމަކަށް ވެފައެވެ. އެގޮތުން އިޒުރޭލުން ހުއްދަ ހޯދައިގެން އެހީ ފޯރުކޮށްދޭ މަސައްކަތްކުރާ ލޮރީތަކަށް ވެސް އިޒުރޭލުން ދަނީ ހަމަލާދީ އެހީ ހޯދަން ނުކުންނަ އާންމު ރައްޔިތުންނަށް ވެސް ހަމަލާދެމުންނެވެ.
ގާޒާގެ މުޅި އާބާދީ މިއަދު ވަނީ ބަނޑަށް ޖައްސާފައެވެ. ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ކާނާވެސް ގިނަ އަދަދެއްގެ ބަޔަކަށް ނުލިބޭ އިރު, އެއްގަމު މަގުން ކާބޯތަކެތި ފޯރުކޮށްދިނުމަށް އިޒްރޭލުން ވަނީ ހުރަސް އަޅާފައެވެ.
ގާޒާއަށް ބޭނުންވާ އިންސާނީ އެހީއާއި ކާބޯތަކެތި ބަރުކޮށްފައި ވާ ޓްރަކްތައް ރަފާ ދޮރާށި ދޮށުގައި އޮންނަތާ އެތައް މަހެއް ވެގެން ގޮސްފައި ވީ ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ހުއްދަ ނުދޭނެ ކަމަށެވެ.