ފިތުރު ޒަކާތުގެ ގޮތުގައި ރޯދައިގެ ފުރަތަމަ ދިހައެއްގައި 1.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދިހަ ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ އެއްމިލިޔަން ފަސްލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ތޭރަ ރުފިޔާ ލިބިފައިވާ ކަމަށެވެ.
ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މި މަހު 11 އިން ފެށިގެންނެވެ.
ފާއިތުވި ފަސް އަހަރު ލިބުނު ފިތުރު ޒަކާތުގެ ތަފާސްހިސާބަށް ބަލާނަމަ:
- 2020 – 1,533,844 ރުފިޔާ
- 2021 – 977,301 ރުފިޔާ
- 2022 – 1,092,547 ރުފިޔާ
- 2023 – 1,393,707 ރުފިޔާ
- 2024 – 1,599,113 ރުފިޔާ ވަނީ ލިބިފައެވެ.
އަންނަ މަހު ހައެއްގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ އެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ވެސް ޒަކާތް ބަލައިގަންނާނެ އެވެ.
ޒަކާތު ހައުސް އިން ބުނީ ގޮވާމުން ޒަކާތް ބަލައިގަންނާނީ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހު އަށެއްގެ ނިޔަލަށް ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ. އަދި އަންނަ މަހުގެ ނުވަ ވަނަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށް އެ އިދާރާ އިން ބުންޏެވެ.