ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމަން އެބައިމީހުންގެ ހިތްވަރާ އަޒުމުން އިބްރަތް ލިބިގަންނަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގައި ވެސް އެބައިމީހުންގެ ހިތްވަރާ އަޒުމުގެ ވަރުގަދަކަން ދެކި ހެއްދެވި ފަރާތަށް އޮތް އިތުބާރުގެ ބޮޑުކަން ދެކި އެކަންކަމުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށެވެ. އަދި މުސްލިމުންގެ މޮޓޯ އަކީ ހަމަ އެއް މޮޓޯ އެއްކަމާ އެއީ މާތްﷲ މަގުގައި ޝަހީދުވުން ނުވަތަ ނަސްރު ލިބުން ކަމަށް ވަނީ ބުނެފައެވެ.
ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ދެއްވި ނަސްރުގެ މައްޗަށް އަލިއަޅުވާލަމުން ހުތުބާގައި ބުނެފައިވަނީ މިއަދު ވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މިފަދަ މިސާލުތައް ފެންނަން އެބަހުރި ކަމަށެވެ.
އަދި ބަދުރު ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ އިސްލާމް ދީނުގެ އަގީދާ ހިތުގައި ވަރުގަދަ އަށް އަށަގެންފިނަމަ، އެމީހަކަށް ދެން ހުރިހާ ކަމެއް ފަސޭހަވާނޭކަން ކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން ބަދުރު ހަނގުރާމާގައި ބަފައިން ދަރިންނާއި، ދަރިން ބަފައިންނާއި، އަހުން އުހޮތުންނާއި، ގާތްތިމާގެ މީހުންނާއި އަދި ރަށްޓެހިން ރައްޓެހިންނާ ހަނގުރާމަ ކުރިކަން ފާހަގަކޮށްފައިވެއެވެ.