ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަހާ ދިމާވާތީ އަވަސްކުރި ސްކޫލު އިމްތިހާނުތައް އަލުން ފަސްކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަންގު ޓީވީއަށް ރައީސް ރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ސްކޫލު އިމްތިހާނުތަކަށް އަނެއްކާވެސް ލޮޅުމެއް އައިސްފައި ވުމުގެ ސަބަބުން އެކަން ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ އަރިހުގައި ފަސޭހަގޮތެއް ހަމަޖައްސައިދެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ބެލެނިވެރިންނަށް ފަސޭހަވާނެ ގޮތަށް އެގްޒާމްތަކާއި ކުޅިވަރު އެކްޓިވިޓީސްތައް ކަލެންޑަަރަށް ހަމަޖައްސައިގެންކުރިއަށްގެންދިއުމަށް މަސައްކަތްކުރަވަމުން ގެންދަވާކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ޖެނުއަރީގައި ދިރާސީ އަހަރު ފެށޭގޮތަށް ބަދަލުކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި2026 ވަނަ އަހަރު ފެށޭއިރު އެ ބަދަލުތައް އަންނާނެ ކަމަށެވެ. އަދި ކުދިންގެ ކިޔެވުމުން ހައެއްކަ މަސް ގެއްލިފައިވަނީ ކުރިން ނުބައި ނިންމުމެއްނިންމިފައިވާތީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލު އިމްތިހާނު ބޭއްވުމަށް މީގެ ކުރިން ނިންމާފައިވަނީ އަންނަ މަހުގެ 16 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށްނަމަވެސް.
އެޑިއުކޭޝަން މިނިސްޓްރީން މިމަހުގެ 14 ވަނަ ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިންމަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި ކަމަށާއި އެހެންވެ ގުރޭޑު 7 ،8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމްގެއިމްތިހާނު މިމަހުގެ 17 އާއި އަންނަ މަހުގެ 25 އާ ދެމެދުގެ ރަސްމީ ދުވަސްތަކުގައި ބޭއްވުމަށް އަންގާ ކަމަށެވެ.
މީގެ އިތުރުން އަންނަ މަހުގެ 20 ވަނަ ދުވަހު އިމްތިހާނު ބާއްވަން ސްކޫލަކުން ބޭނުންވާ ނަމަ، އެކަން އީސީގެ ފޯކަލް ޕޮއިންޓަށް އަންގައިމަޝްވަރާކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
އަނެއްކާވެސް ސްކޫލު އިމްތިހާނުތައް ފަސްކުރުމަށް ނިންމާފައިވީ ނަމަވެސް، އެޑިއުކޭޝަން މިނިސްޓަރީން އަދި ތާރީހުތައް އިއުލާންކޮށްފައެއް ނުވެއެވެ.