މިއަދުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ހުޅުވާލަންނިންމާފައިވާ ކަމަށާއި މިއަދުން ފެށިގެން އެޕްރިލް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު ހުޅުވާލެވިފައިވާ އޮންނާނެ ކަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަމީނިއްޔާ ސްކޫލުގެ ހޯލުގައި އެވެ. ގޮވާމުން ފިޠުރު ޒަކާތް ދެއްކުމަށް ވަޑައިގަންނަވާބޭފުޅުން ބޭނުން ކުރެއްވުމަށް ހަމަޖެހިފައިވާ ގޭޓަކީ، ލިލީ މަގު ގޭޓެވެ.
ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފާ ބާވަތް ތަކުގެ ތެރޭގައި ހިމެނެނީ:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުށް
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 31 މާޗުން 8 އޭޕްރިލް އަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ 13:00 އިން16:00 އަށެވެ. އަދި 9 އޭޕްރިލްގައި 13:00 އިން 18:00 އާއި ހަމައަށެވެ