މާލޭގެ މިސްކިތަކުން ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ކަޅުހުރާ މަގުން އެތެރޭގެ ގޯޅިއެއްގައި ހުންނަ ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން އެއް ފަންކާ ވަގަށްނަގައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މާލޭ ސިޓީ ކައުންސިލް އިން ވަނީ މިއަދު ސޯޝަލް މީޑިޔާގައި އާންމުކޮށްފަ އެވެ.
އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މީހަކު ވަގަށް ގެންދަނީ އެ މިސްކިތުގައި ބަހައްޓާފައި ހުރި ފަންކަލެކެވެ.
މި ވީޑިއޯ ފުޓޭޖު މިހާރު ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ ދެތިން ދުވަސް ކުރިން ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައިހުރި ދެ ފަންކާ ވެސް ވަގަށް ނަގާފައިވާއިރު މީގެ ދުވަސް ކޮޅެއް ކުރިން މިރޯދަމަހުގައި ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ބަޔަކު ވަނީގެއްލުން ދީފައެވެ.
އެ މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައި ވެ އެވެ. ނަމަވެސް އެ މައްސަލަތަކުގައި މީހަކަށް ފިޔަވަޅު ކަމަށް ފުލުހުން އަދި ނުބުނެ އެވެ
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ރޯދަމަހުގެ 15 އާ ހިސާބަށް މާލެ ސަރަހައްދުން ވަނީ 110 ވައްކަން ކޮށްފަ އެވެ.