35 އަހަރުން މަތީގެ މީހުންނަށް އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެއްދޭ ޕެކޭޖު ތައާރަފްކޮށްފިއެވެ.
އާސަންދަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ ޕެކޭޖު ތައާރަފުކޮށްފައިވާ ކަމަށެވެ. 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކްއަޕް ހެއްދޭ ޕެކޭޖު ތައާރަފްކޮށްފައިވާއިރު، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އާސަންދަ އިން އިތުރަށް ބުނީ އެޑިއުކޭޝަން މިނިސްޓްރީ އިން ކަނޑައަޅާ ގްރޭޑުތަކުގެ ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެސްޓުތައް ވެސް އާސަންދަ މެދުވެރިކޮށް ސަރުކާރު ހޮސްޕިޓަލުތަކުން ހެެދޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މާލެ ސަރަހައްދުން އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެދޭނީ ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުން ކަމަށް ވާއިރު، ރަށްރަށުގައި ނަމަ ޗެކްއަޕް ހަދަނީ ސިއްހީމަރުކަޒުތަކާއި ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުންނެވެ.
ފުރަތަމަ ޗެކްއަޕް ހަދާތާ ހަ މަސްފަހުން، ދެވަނަ މެޑިކަލް ޗެކްއަޕްއެއް ހަދަން ޖެހިއްޖެ ނަމަ، ޑޮކްޓަރުންގެ ލަފައާ އެކު އޮންނަ އުސޫލުގެ ދަށުން ދެވަނަ ޗެކްއަޕެއް ވެސް ހެދޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.
އާސަންދަ މެދުވެރިކޮށް ދިވެހިންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، އެ ވައުދުފުޅާ އެއްގޮތަށް އާސަންދަ އިން މެޑިކަލް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.