ސަން ޓްރެވަލްސް ކުންފުންޏާއި ރާއްޖެއިން ބޭރުގެ ހިލްޓަން ކުންފުންޏާ ދެމެދު ނ. އިރުފުށި ރިސޯޓް ހިންގުމާ ގުޅޭގޮތުން ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އާބިޓްރޭޝަންގެ ނިންމުމާ އެއްގޮތަށް 31 މިލިއަން ޑޮލަރު (480 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ސަން ކުންފުނިން ހިލްޓަނަށް ދައްކައިފިއެވެ.
ސަން ޓްރެވަލްސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާބިޓްރަލް އެވޯޑާއި އިންޓްރެސްޓް ހިމެނޭ ގޮތަށް 31 މިލިއަން ޑޮލަރު އެ ކުންފުނިން ހިލްޓަނަށް ދައްކާފައިވާ ކަމަށެވެ. ގާނޫނީ ހަރަދާއި އެހެނިހެން ވެސް ގޮތުގައި އެ ކުންފުނިން 5.6 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށް އެ ބަޔާނުގައިވެއެވެ.
އެގްރިމެންޓް ބާތިލް ކުރުމަށް ނިންމި ނިންމުމަކީ ބޭންކްރަޕްޓް ވަމުން ދިޔަ ކުންފުންޏެއް ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހުނު ކަމެކެވެ. އެއީ ސަންގެ މަސްލަހަތު ރައްކާތެރިކޮށް، ކުންފުނީގެ ތަސައްވުރު ނަގަހައްޓައި، ދެމެހެއްޓުމަށް ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެކެވެ،–ސަން ކުންފުނި
ސަން ޓްރެވަލްސް އިން ބުނިގޮތުގައި، ރިސޯޓް ހިންގައިގެން ލިބޭނެ ކަމަށް ހިލްޓަނުން ލަފާކުރި އާމްދަނީ ނުލިބުމުން ސަން ކުންފުނިން ދައުލަތުގެ އިދާރާތަކަށް ފައިސާ ދެއްކީ ވެސް ސަންއާ ގުޅުން ހުރި އެހެން ކުންފުނިތަކުގެ އެހީތެރިކަމާ އެކުއެވެ. އޭގެ ސަބަބުން ކުންފުނީގެ ލޯނުތައް ރީޝެޑިއުލް ކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހުނު ކަމަށާއި ނަމަވެސް ސަންގެ ފައިސާ އިން ހިލްޓަނުން ރިސޯޓް ހިންގަމުން ދިޔައީ އިސްރާފު ބޮޑުވާ ގޮތަށް އަދި އެކަށީގެން ނުވާ އަގުތަކުގައި ތަކެތި ހޯދައިގެން ކަމަށް ވެސް ވަނީ ބުނެފައެވެ.