-Advertisement-

-Advertisement-

ވޯލްޑް ބޭންކްއިން މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު ދަށްކޮށްފި

ވޯލްޑް ބޭންކް --

ވޯލްޑް ބޭންކްއިން މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު ދަށްކޮށްފިއެވެ.

ދެކުނު އޭޝިއާގެ އިގުތިސާދާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގައި ވޯލްޑް ބޭންކް އިން ބުނީ ރާއްޖެ އަންނަ ފަތުރުވެރިންގެ މިސްރާބު މިހަރު ހުރީ މަތީ ފަންތީގެ ރިސޯޓުތަކުގެ ބަދަލުގައި އަގުހެޔޮ ގެސްޓްހައުސްތަކަށް ކަމަށާއި، އެހެންކަމުން މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް މީގެ ކުރިން ލަފާކޮށްފައިވާ މިންވަރު މިހާރު ދަށްކޮށްފައިވާ ކަމަށެވެ. އެއީ 5.2 ޕަސެންޓުން 4.7 ޕަސެންޓަށެވެ.

ވޯލްޑް ބޭންކުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން، އަންނަ އަހަރު އިގުތިސާދު 5.2 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކޮށްފައެވެ. ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އިގުތިސާދު ކުރިއެރީ ދެ ޕަސެންޓު ކަމަށާއި އެއާއަޅާބަލާއިރު 2022 ވަނަ އަހަރުގެ އެ ކުއާޓަރުގައި 13.9 ޕަސެންޓް ކުރިއެރި ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އައި އެންމެ ބޮޑު އެއް ބަދަލަކީ އިންޑިއާ މާކެޓު ދަށްވުމެވެ. އެގޮތުން މީގެ ކުރިން އެއް ވަނައިގައި އޮތް އިންޑިއާ މިހާރު އޮތީ ހަވަނައިގައެވެ. ބޮއި ކޮޓް މޯލްޑްވިސް ކެމްޕޭނުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑު ތަނުން ދަށްވެފައެވެ.

ބޮއި ކޮޓް މޯލްޑްވިސް ކެމްޕޭނު އިންޑިއާއިން ފެށީ ރާއްޖޭގެ ނައިބު ވަޒީރުންތަކެއް އެގައުމާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-