ކަރަޔާއި ކުރުނބާގެ އަގު ބާޒާރުގައި އުފުލިއްޖެއެވެ.
ބާޒާރުގައި މިހާރު ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާގައި އުޅޭއިރު ކުރުނބާއެއްގެ އަގަކީ 70 ރުފިޔާއެވެ. އަދި ކުދި ކުރުނބާ ބާޒާރުގައި ވިއްކަނީ 35 ރުފިޔާއަށެވެ. ކުރުނބާ ފުޅިއެއް ލިބެން ހުރީ މިހާރު 180 ރުފިޔާއަށެވެ.
މީގެ ކުރިން މާރުކޭޓުގައި ކަރާގެ އަގު ހުރީ ކިލޯއެއް 18 ރުފިޔާއަށެވެ. ބާޒާރުގެ ވިޔަފާރިވެރިއެއް މައުލޫމާތު ދިން ގޮތުގައި ކަރާގެ އަގު ކުއްލިއަކަށް އުފުލެން ދިމާވީ ކަރާގެ ސަޕްލައި ދަށަށް ދިއުމުގެ ސަބަބުންނެވެ. އެގޮތުން އއ. ތޮއްޑޫއިން ކަރާ ލިބޭލެއް މިހާރު މަދުވުމުގެ ސަބަބުން ކަރާ ގެންނަނީ ތަންކޮޅެއް ދުރު ސަރަހައްދުތަކުން ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރަށް އޭނާ ބުނީ މިރުހުގެ އަގު ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ކަނޑޫދު މިރުހުގެ އަގު އުޅެނީ 150 ރުފިޔާއަށް ކިލޯއެއް ކަމަށާއި 100 ގުރާމު އުޅެނީ 20 އަދި 15 ރުފިޔާގެ ރޭޓުން ކަންވެސް އޭނާ ވަނި ފާހަގަކޮށްފައެވެ.
ބާޒާރުގައި ކެރެޓާއި ކިއުކަމްބާގެ އަގަށް ބަދަލެއް ނާދެއެވެ. އެގޮތުން ކެރެޓު 35 ރުފިޔާއަށް ހުރިއިރު ކިއުކަމްބާ ހުރީ 30 ރުފިޔާއަށެވެ. އަނބުގެ އަގުތަކަށް ބަލާއިރު، ހުތް އަނބު ކިލޯއެއްގެ އަގު އުޅެނީ 100 ރުފިޔާއަށް ކިލޯއެކެވެ. އަދި ތައިލެންޑު އަނބުގެ އަގު އުޅޭނި 160 އަށެވެ.