ކުރީގެ ޓުވިޓާ [އެކްސް] ގައި ކާކުކަން ނޭނގޭ ގޮތަށް ހިންގަމުން އަންނަ “ހަސަން ކުރުސީ” އެކައުންޓު އެކްސް އިން ސަސްޕެންޑުކޮށްފި އެވެ.
އެކްސްއިން ރޭގެ ވަގުތެއްގައި ހަސަން ކުރުސީގެ އެ އެކައުންޓް ސަސްޕެންޑްކޮށްފައި ވާއިރު، އެ އެކައުންޓުން ކުރިން ކޮށްފައި ހުރި ޕޯސްޓްތައް މިހާރު ނުފެނެއެވެ. އަދި ހުރިހާ ޕޯސްޓްތަކުގައި ވަނީ އެއީ ސަސްޕެންޑް ކޮށްފައިވާ އެކައުންޓެއް ކަމަށެވެ.
އެ އެކައުންޓު ސަސްޕެންޑު ކޮށްފައިވާއިރު އެ އެކައުންޓް ހިންގުމުގެ ފަހަތުގައިވާ މީހަކު ހޯދަން ފުލުހުން މީގެ ކުރިން ވަނީ ކޯޓު އަމުރެއް ހޯދައިފައިވާއިރު، އެއަމުރު ކޯޓުން ނެރެ ދީފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
އެ އެކައުންޓު އެންމެ ފުރަތަމަ ބޭނުން ކުރަން ފެށިއިރު ގިނަ ބަޔަކު ތުހުމަތު ކުރީ އެއީ، ނަޝީދު އަޑީގައި ހުންނަވައިގެން ހިންގަވާ އެކައުންޓެއް ކަމުގަ އެވެ. ނަމަވެސް ނަޝީދު ވަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
ހަސަން ކުރުސީގެ އެކައުންޓުން ދާދިފަހުން ވަނީ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ގުޅޭ ގޮތުންތަހުގީގަށް ބައެއް އަންހެނުން ދީފައިވާ ބަޔާންތައް ލީކުކޮށްލާފަ އެވެ.
އަދި އެމްއެމްޕީއާރުސީގެ އަންހެން ތިން މުވައްޒަފަކަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުބައްސާމް އާދަމް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ މައްސަލައެއް ވެސް އެ އެކައުންޓުން ވަނީ ފެންމަތިކޮށްފަ އެވެ.