ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް މަޖިލީހުގެ އެއްބާރުލުން މުހިންމު ކަމަށާއި މަޖިލީހުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މިއަހަރު ފަށަން ގަސްދުކުރެއްވި ބައެއް މަޝްރޫއުތައް ބަޖެޓް ހަމަނުޖެހުމުގެ ސަބަބުން ފެށިފައިނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ މެނިފެސްޓޯގައިވާ ހުރިހާ ވައުދުތައް ފުއްދެވުމަށް 200 އަށްވުރެ ގިނަ އިސްލާހާއި އާ ބިލްތައް ހިމެނޭހެން ގާނޫނުތައް ފާސްކުރަން މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ. މިކަންކަމެއް ނުވާނެ މިކަންކަން ކޮށްދިނުމުގެ ވިސްނުމުގެ ބަޔަކު ރައްޔިތުން ހިޔާރުނުކޮށްފިނަމަ،– ރައީސް
ރައީސް ވިދާޅުވީ މަޖިލީހުގެ ތެރެއިން މިހާރު ވެސް ދަނީ ސަރުކާރުން، ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް ހުރަސް އަޅަމުން ކަމަށާއި އެފަދަ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، އެ މަނިކުފާނު، ރައްޔިތުންގެ ކުރިއެރުމަށް ކުރަން ނިންމަވާފައިވާ އެއްވެސް ކަމެއް ނުކޮށްދެއްވޭނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން ފަށައިފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށާއި އެ މަޝްރޫއުތައް ހިމެނޭހެން ޖުމްލަ 527 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަަށްދާ ކަމަށެވެ.