-Advertisement-

-Advertisement-

ރޭ ވެސް ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް، އަނިޔާވި ޒުވާނާ އިތުރު ފަރުވާއަށް މާލެއަށް

ރޭ ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓް/ ފޮޓޯ: ސޯޝަލް މީޑިއާ

ރޭ ވެސް ފުވައްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގާ އަނިޔާވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ރޭގެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ ފުވައްމުލަކު ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ދިގުވާޑު ނައިބުތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ 11:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި ޒަހަމްވެފައިވާ 27 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަހަމްތަކެއް ކަމަށް ފުލުހުން ހާމައެއް ނުކުރެއެވެ. އެ ޒުވާނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

އެ އެކްސިޑެންޓް ހިނގާފައިވާ ވަގުތު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އާންމުވެފައިވާ އިރު، ވީޑިއޯއިން ފެންނަ ގޮތުގައި އެ ޒުވާނާ އޮތީ ހޭނެތިފައެވެ. އަދި އޭނާގެ ކަނާއަތުން ވަރަށް ބައިވަރު ލޭ ފައިބައިފައި ހުރި އިރު، އެ އަތަށް ވަރަށް ބޮޑަށް ޒަހަމްވެފައިވާ މަންޒަރު ފެނެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ފުވައްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގާފައިވާއިރު އެ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް ކޮންޓްރޯލް ނުވެ ޒިބްރާ ކްރޮސް ޕޯސްޓް ދަނޑީގައި ޖެހިއެވެ. އެ އެކްސިޑެންޓްގައި 32 އަހަރުގެ މީހަކަށް އަނިޔާވެ، ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-