މާލެ ސަރަހައްދަށް އިހުސާސް ކުރެވުނު ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް މިއަދު އަރައިފި އެވެ.
މިއީ އިހުސާސް ކުރެވޭ ހޫނުމިން މިހާ މައްޗަށް ގޮސްފައިވާ ފުރަތަމަ ފަހަރެވެ. މިދިޔަ ހަފުތާގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ ދުވަސްތަކުގައި އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ. އަދި މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްތަކުގައި އިހުސާސްކުރެވޭ ހޫނުމިން އެވްރެޖުކޮށް އެންމެ މަތީގައި ހުރީ 44 ޑިގްރީ ސެލްސިއަސްގަ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއަދު 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 46.3 ޑިގްރީ ސެލްސިއަސްގަ އެވެ. ލ. ކައްދު އަށް އިހުސާސްކުރެވޭ ހޫނުމިން 41.9 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ގދ. ކާޑެއްދު އަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.6 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި ސ. ގަމުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ޑިގްރީ ސެލްސިއަސްގަ އެވެ.
މިއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ.
މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ އެވްރެޖުކޮށް 30 ޑިގްރީ ސެލްސިއަސް އާއި 34 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.