-Advertisement-

-Advertisement-

ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިއްޖެ

މި ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފައްދާފައިވާ އައު އިދާރާ، މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މިއަދު ނެރުނު ރޯދަމަހުގެ ފުރަތަމަ 20 ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި އެ މުއްދަތުގައި ވަނީ ޖުމްލަ 4،499،433ރ. ލިބިފަ އެވެ.

ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ނިމި ދިޔަ މާރިޗު 11 އިން ފެށިގެންނެވެ.

ޒަކާތު ހައުސް އިން ކުރިން ބުނެފައިވާ ގޮތުގައި މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ވަނީ 1.6 މިލިއަން ރުފިޔާ ލިބިފަ އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ އެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް ނޭނގޭ މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ވެސް ޒަކާތް ބަލައިގަންނާނެ އެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަންނާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 14:00 އަށެވެ.

ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް ޒަކާތު ހައުސް އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-