އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުން ކޯޓާ އިތުރު ކޮށްދޭން ދިވެހި ސަރުކާރުން އެދުމުން ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާ އިންޑިއާއިން އިތުރު ކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަސާސީ ބާވަތްތައް ވަކި މިންވަރަކަށް ރާއްޖެއަށް އެކްސްޕޯޓްކުރަން ދޭ ހުއްދަ މިއަހަރާއި އަންނަ އަހަރަށް އާކޮށްފައިވާ ކަމަށެވެ. އެ ހުއްދަ އާކުރި އިރު ރާއްޖެއަށް އެތެރެކުރެވޭނެ އަދަދުތައް ވެސް އިތުރުކޮށްފައިވާ ކަމަށާއި މިފަހަރުގެ އަދަދު ތަކަކީ 1981 ވަނަ އަހަރު އެ ހުއްދަ ދޭން ފެށިފަހުން ހުއްދަ ދިން އެންމެ މަތީ މިންވަރު ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.
އަދި މިއީ 1981 ވަނަ އަހަރުން ފެށިގެން ހާއްސަ ހުއްދައިގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ދިން ފަހަރު ކަމަށްވެސް އިންޑިއާ ހައި ކޮމިޝަނުން ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް އިންޑިއާއިން ވަނީ ބޮޑުކޮށްދީފައެވެ. އެގޮތުން ހިލަ/ހިލަވެލީގެ ކޯޓާ 1 މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައި ވާއިރު ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި (ހަނޑޫ، ހަކުރު، ފުށް) މުގުގެ ކޯޓާ ވަނީ 5 ޕަސެންޓު އިތުރުކޮށްދީފައެވެ.
އިންޑިއާގައި އުފައްދަމުންދާ ފިޔާ އާއި ހަނޑޫ ފަދަ ތަކެތި ބޭރު ކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތް ނަމަވެސް އިންޑިއާ އިން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަށް އެ ތަކެތި އެކްސްޕޯޓް ކޮށްފައެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާ އިން ގެންގުޅޭ ‘ނެއިބަހުޑް ފަސްޓް’ ޕޮލިސީ ގެ ދަށުން ރާއްޖެއަށް މިފަދަ ދާއިރާތަކުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް ހައި ކޮމިޝަނުން ބުންޏެވެ.