މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ލިބިފައިވާކަން މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކޮށްފި އެވެ.
ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި އެންމެ ގިނައިން ފިތުރު ޒަކާތް ދައްކާފައި ވަނީ އާދައިގެ ހަނޑޫ ބޭނުންކުރާ މީހުންނެވެ. އާދައިގެ ހަނޑޫ ބޭނުންކުރާ 63,000 މީހުން ޒަކާތުގެ ގޮތުގައި 760,000 ރުފިޔާ ދައްކާފައި ވެއެވެ.
ދެން އެންމެ ގިނައީ ބާސްމަތީ ހަނޑޫ ބޭނުންކުރާ މީހުންނެވެ. އާދައިގެ ބާސްމަތީ ހަނޑޫ ބޭނުންކުރާ 14,500 މީހުން ވަނީ ޒަކާތުގެ ގޮތުގައި މިލިއަން ރުފިޔާ ދައްކާފަ އެވެ. އަދި އެންމެ މޮޅު ބާސްމަތީ ހަނޑޫ ބޭނުންކުރާ މީހުން 10,700 މީހުން ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކި އެވެ. އޭގެ އިތުރަށް މޮޅު ބާސްމަތީ ހަނޑޫ ބޭނުންކުރާ 9,000 މީހުން ވެސް ވަނީ ޒަކާތުގެ ގޮތުގައި 948,000 ރުފިޔާ ދައްކާފަ އެވެ.
ފާއިތުވި ފަސް އަހަރު ލިބުނު ފިތުރު ޒަކާތުގެ ތަފާސްހިސާބަށް ބަލާނަމަ:
- 2020 – 1,533,844 ރުފިޔާ
- 2021 – 977,301 ރުފިޔާ
- 2022 – 1,092,547 ރުފިޔާ
- 2023 – 1,393,707 ރުފިޔާ
- 2024 – 1,599,113 ރުފިޔާ ވަނީ ލިބިފައެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ. ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އެރަށެއްގެ ކައުންސިލްތަކުން ހަމަޖައްސާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. ނަމަވެސް އޮންލައިންކޮށް ޒަކާތް ދެއްކޭނީ މާދަމާގެ ނިޔަލަށެވެ. އެއީ ރޯދަ މަހުގެ 27 ވަނަ ދުވަހެވެ.