އއ. ރަސްދޫ މިސްކިތެއްގެ ފާހާނާ ތެރޭ ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާ ކުރި މައްސަލަ ބަލަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްދޫގައި މި ވަގުތު ހަރަކާތްތެރިވަމުން ދަނީ ފުލުހުންގެއިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯގައި ފެންނަނީ ، މިސްކިތެއްގެ ފާހާނާ ތެރޭގައި ހުރި އެ ކުއްޖާއަށް ހަތަރު ވަރަކަށް ކުދިންގެ ގްރޫޕަކުންހަމަލާދީއަނިޔާކުރާ މަންޒަރެވެ. ނަމަވެސް އެ ހަމަނުޖެހުން ހިނގީ ކޮން ސަބަބަކާ ގުޅިގެންކަން ސާފެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި، ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައިބަލަމުންދާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައިއެވެ.