ރޯދަމަހުގެ މާތް މައްސަރު އަހަރުމެންނާއި އަލްވަދާޢު ކިޔަނީއެވެ. އަންނަ އަހަރު ބައްދަލުކޮށްލުމުގެ ފޮނި އުއްމީދާއިއެކުގައެވެ. އަދި ހުރިހާ ރޯދަވެރިންނަށްވެސް މި ބަރަކާތްތެރި ރަމަޟާން މަހުގެ ފުރިހަމަ ފައިދާ ހޯދައި، ރޯދަމަހާއިއެކު އަހަރުމެންގެ ދިރިއުޅުންތަކަށް އައި ހެޔޮ ބަދަލުތައް ދެމެހެއްޓުމުގެ އުއްމީދުގައިވެސްމެއެވެ.
ނަމަވެސް ރޯދައިގެ މޫސުން އަދި ނިމުނީކީއެއް ނޫނެވެ. ކުރިއަށް އޮތީ ޝައްވާލުމަހެވެ. އަނެއްކާވެސް ނަފްސުތައް ތާޚިރުކޮށް، އާޚިރަށް ބާއްޖަވެރިކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. ޝައްވާލު މަހުން 6 ރޯދަހިފައި މުޅި އަހަރުދުވަހު ރޯދަ ހިފުމުގެ ނަސީބާއި ތަވްފީޤް ލިބިގަތުމުގެ ފުރުސަތެވެ. ޝައްވާލުމަހުގެ 6 ރޯދަ ހިފުމުގެ އެންމެ މޮޅު ގޮތީ ވަޅު ޢީދު ދުވަހުން ފެށިގެން 6 ރޯދަ ހިފުމެވެ. އެހެން ނަމަވެސް، މި ސުންނަތް ރޯދަ ހިފުމުގައި ވަކިގޮތެއް ކަނޑައެޅިފައެއް ނެތެވެ. އަދި މި ރޯދަތައް ޖެހިޖެހިގެން ހިފުންވެސް ލާޒިމެއް ނޫނެވެ. ޝައްވާލު މަހުގެ ތެރޭގައި އެކުއެކީވެސް ނުވަތަ ވަކިވަކީންވެސް 6 ރޯދަ ހިފިދާނެއެވެ.
މާތްﷲ ސުބްޙާނަހޫ ވަރަޢާލާގެ ހުސްތާހިރުވަންތަ ކަމާއެވެ. އަޅުތަކުންގެ ފައިދާ އާއި ލާބައަށްޓަކައި ކޮންމެ ފަރުޟަކާއިއެކު އެފަރުޟަކާއި ގުޅޭ ސުންނަތް ވެސް އިސްލާމްދީނުގައި ވަނީ ޝަރުޢުކުރައްވާފައެވެ. ފަރުޟު ނަމާދާއި ސުންނަތް ނަމާދެވެ. ޒަކާތާއިއެކު ސަދަޤާތެވެ. ޙައްޖާއިއެކު ޢުމްރާއެވެ. އަދި ފަރުޟު ރޯދަ އާއި އެކު ސުންނަތް ރޯދައެވެ.
ހެޔޮކަމަކަށް މަގުދައްކާ މީހާއަށް އެހެޔޮ ޢަމަލު ކުރާ މީހާ އާއި އެއްމިންވަރަކަށް ޡަވާބާއި ދަރުމަ ލިބޭނެއެވެ. އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، އާއިލާ އާއި ރަޙްމަތްތެރިންނަށް ހެޔޮ ޢަމަލުކުރުމަށް ނަސޭޙަތް ތެރިވަމާތޯއެވެ. އަޅަމެން އެންމެންނަކީވެސް ޝައްވާލުމަހުގެ 6 ރޯދަ ހިފައި، މި މަތިވެރި ދަރުމަ އަމިއްލަ ނަފްސާއި އާއިލާ އަށް ލިބިގަތުމަށް މަސައްކަތްކުރާނެ ބަޔަކުކަމުގައި ލައްވާށިއެވެ.
އާމީން!