އއ.ރަސްދޫ މިސްކިތެއްގެ ފާހަނާތެރޭ ކުޑަ ފިރިހެން ކުއްޖަކު ފާހާނައަކަށް ވައްދާ ބްލީކޮށް އަނިޔާކުރި ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާ މި ދަނޑިވަޅުގައި އިތުރު ކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯއެއްވެސް އާންމުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވީޑިއޯއަކީވެސް ހަމަ ރަސްދޫ ކުއްޖެއްގެ ގައިގައި އަނިޔާ ކުރާ ވީޑިއޯއެކެވެ. މިހާރު އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެކުއްޖާއަށް އަނިޔާ ކޮށްފައިވަނީ ރަސްދޫގައި ހުންނަ ޔޫތު ސެންޓަރު ތެރޭގައެވެ. އަދި ވީޑިއޯއިން އެ ފިރިހެން ކުއްޖާ ދެން ހުރި ފިރިހެން ކުއްޖާ ފައިގަ ދަތި އަޅުވައި ބިންމައްޗަށް ވައްޓާލާ މަންޒަރު ވެސް ފެނިގެންދެއެވެ.
ފާހާނާ ތެރޭ ކުޑަ ކުއްޖަކަށް އަނިޔާ ކޮށްފައިވަނީ 13 އަހަރުގެ ކުއްޖަކާ 14 އަހަރުގެ ކުއްޖެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ފުލުހުން ވަނީ މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސާކިއުލޭޓް ނުކުރުމަށް އެދިފައެވެ.
އަދި އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށް އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ދަނީ ގޮވާލަމުންނެވެ.