ރަޖިސްޓާޑް ޕޯސްޓުން ނޫނީ ރާއްޖެއަށް ތަކެތި ނުގެނެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މިގޮތަށް ހަދަން ނިންމާފައިވަނީ ޕޯސްޓު މެދުވެރިކޮށް ޕާޓީ ޑްރަގްސްއާއި އެހެނިހެން ބާވަތުގެ މަސްތުވާތަކެތި އެތެރެކުރާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ޕޯސްޓުން ޕާޓީ ޑްރަގްސްއާ އަދި އެހެނިހެން ބާވަތުގެ މަސްތުވާތަކެތި އެތެރެވުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ޕޯސްޓް މެދުވެރިކޮށް ކޮންމެ މީހެއްގެ ނަންމުގައިވެސް ޕޯސްޓު މެދުވެރިކޮށް އެތަކެތި ގެނައުމުގެ ފުރުސަތު އޮތްކަމަށެވެ.
އެހެންކަމުން އެކަން ހައްލުކޮށް، މަސްތުވާތަކެތި ޕޯސްޓު މެދުވެރިކޮށް އެތެރެވުން ހުއްޓުވުމަށް ރަޖިސްޓާޑް ޕޯސްޓުން ނޫނީ، އޯތެންޓިކް ގޮތެއްގައި ރަޖިސްޓާކުރެވިގެން ނޫނީ ޕޯސްޓް މެދުވެރިކޮށް ތަކެތި ނުގެނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިމި، އަންރަޖިސްޓާޑް ޕޯސްޓުން ތަކެތި އެތެރެކުރުން ހުއްޓުވޭނެ އެވެ.