ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒެއް ނުހިނގާނެ ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މި ހިނގާ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން އިހަވަންދޫދާއިރާއަށް ވާދަކުރައްވާ އަހުމަދު ނަސީރުގެ ޖަގަހަ ހުޅުވައިދެއްވައި ދެއްކެވި ވާހަކަ ފުޅުގައިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް ގައުމުގައި ހަމަޖެހުން ގާއިމުވެގެން ދިއުން ވަރަށް މުހިންމު ކަމަށާއި ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނަން އެމަނިކުފާނުނިންމެވީ އިހުލާސްތެރިކަމާ އެކުގައި ކަމަށެވެ.
ނަމަވެސް ގާނޫނީ ވެރިކަމެއް ކުރުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި އެމަނިކުފާނު ހުންނެވީ ގާނޫނީ ހުވައެއް ކުރައްވައިގެން ކަމުން ގާނޫނީވެރިކަމެއް ކުރުމުގައި ގާނޫނުގައި އޮންނަ ގޮތުން މީހަކު ކުށެއް ކޮށްފިނަމަ، އެކަމެއް ބެލުމަކީ އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށްވެސްރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިފަހުން ފުލުހުންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތައް ހިއްސާކުރައްވަމުން ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ގައުމަށް ހަމަޖެހުން ގެންނަން ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
ރައީސް ވަނީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އަލުން ހޯއްދައިދެއްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި ބޭނުންފުޅުވަނީ ކުރީގައިހިންގި ގޮތަށް އެސްއޯ ފުލުހުން ނުކުމެ ރައްޔިތުން ހައްޔަރުކޮށް، ރައްޔިތުންނަށް އަނިޔާކުރާ މުއައްސަސާއެއްގެ ގޮތުގައި ލޭބަލްވެފައި އޮތް އޮތުން ނިމުމަކަށްގެނައުން ކަމަށެވެ.
އެހެން ނަމަވެސް ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް ނުވަތަ ރަށެއްގެ ހަމަޖެހުން ގެއްލޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، ފުލުހުން ނެރެ، ބާރުގެ ބޭނުން ކުރައްވައި،ހަމަޖެހުން ގާއިމް ކުރައްވާނެ ކަމަށާއި އެނޫން ހާލަތްތަކުގައި އެކަން ގޮތަކަށް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.