ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިން ދައުލަތުގެ ބެލުމުގެ ދަަށަށް ގެނެސް އިސްލާހު ކުރުމަށް ހާއްސަ ފެސިލިޓީއެއް ހެދުމަށް ވިސްނަމުންދާ ކަމަށް ހޯމްމިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިހުސާން މިހެން ވިދާޅުވީ އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުދިންތަކެއް ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ އާއި ގުޅިގެން ކަމާބެހޭއިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
އެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ އެކީ އުޅެ، ކުށުގެ މާހައުލުން ތަކުރާރުކޮށް ފުލުހުންނާ ދިމާވާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް އެކުދިންއިސްލާހު ކުރުމަށް ފެސިލިޓީއެއް ހެދުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށާއި، އެގޮތުން ފެސިލިޓީ ގާއިމުކުރަން ވަކި ރަށެއް ކަނޑައަޅަން ނިންމާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެގޮތަށް ދައުލަތަށް ކުދިން ނަގާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އަދި އެ ކުއްޖާއެތަނުގައި 18 އަހަރުވަންދެން ބަލަހައްޓާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
އަދި ފެސިލިޓީއަށް ގެންދެވޭ ކުދިންނަށް އެތަނުގައި ދީނީ ގޮތުން ކުރަންޖެހޭ ކަންކަން ބަރާބަރަށް ކުރުވުމާއި، ކުދިންގެ އުމުރާއި ގުޅޭގޮތުން ރަސްމީ ތައުލީމުދިނުމާއި، އަހުލާގީ ގޮތުން ދޭންޖެހޭ ފަރުވާތައް ދިނުމާއި އަދި ކޮންމެ ކުއްޖަކަށް ދޭންޖެހޭ ވަކި ސައިކޯ ސޯޝަލް އިންޓެވެންޝަން ޕްރޮގްރާމެއް ހެދިއެކުދިންނަށް ކަސްޓަމައިޒްޑް އިންޓެވެންޝަން ޕްރޮގްރާމެއް ހިންގާނެ ކަމަށެވެ.
ރާއްޖޭގައި ކުށުގެ ވެށީގައި 18 އަހަރުން ދަށުގެ 200 ވަރަކަށް ކުދިން އުޅެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.