ހަވީރުގެ ހިތްގައިމު ވަގުތެވެ. މެންދުރުގެ ގަދަހޫނު މަޑުވެ ހިތްގައިމު ތެތްފިނި ކަމެއް ވަނީ ރަށުތެރެއަށް ފެތުރެން ފަށައިފައެވެ. އެހެންކަމުން މި ހިތްގައިމު ވަގުތަކީ ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ އުޅޭ ވަގުތެކެވެ. މަގުމައްޗަށް ނުކުމެ އުޅޭ ކޮންމެ މީހެއްގެވެސް މަންޒިލެއް ނުވަތަ މަޤުސަދެއް އޮންނާނެއެވެ. މީގެ ތެރެއިން އެކަކީ ދީނާއެވެ. ސްކޫލްގެ ފަހު އަހަރުގައި ކިޔަވަމުން އަންނަ ދީނާއަކީ ރީތިކަމަށް ރަށުގައި މަޝްހޫރު އެއް ޖިންސުއްލަތީފެވެ. ރަށުގެ ޒުވާން ފިރިހެންކުދިންގެ ހިތްތައް ކަތިލާ ފަދަ ރީތިކަމެއް ލިބިފައިވާ ދިނާ ހިނގަމުންދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ނަދުވާއާ ބައްދަލުކުރުމަށް އޭނާގެ ގެޔަށެވެ. ދީނާގެ މޫނުމަތިން ސިފަވަމުންދަނީ ހިތާމައިގެ ކުލަވަރުތަކެވެ. ހިތްދަތިކަމުގެ އަސަރުތަކެވެ. ހީވާކަހަލައެވެ. އޭނާ ކޮންމެވެސް ހިތާމައެއް ބަރުދާސްތު ކުރަނީއެވެ.
ނަދުވާމެންގެ ގެއަށް ވަނުމުގެ ކުރިން އިސްލާމީ ރިވެތި އުސޫލާ އެއްގޮތަށް ދީނާ ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަތީ ނަދުވާގެ މަންމަ، ސަކީނާއެވެ. އަވަސްއަވަހަށް ނަދުވާ އުޅޭތޯ ދީނާ ސުވާލު ކޮށްލިއެވެ. ޖަވާބު ދިނުމުގެ ގޮތުން ނަދުވާ އުޅޭ ކޮޓަރިއަށް އިޝާރާތްކޮށްލުމުން ދީނާ ގޮސް އެ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލިއެވެ. ދެތިން ފަހަރަކު ޓަކި ޖަހައިލުމާއެކު ނަދުވާ ދޮރު ހުޅުވައިލިއެވެ.
“ކިހިނެއްވީ؟ މިއަދު މިގެ ފެނުނީ؟” ކުރިމަތީގައި ހުރި ދީނާ ފެނުމުން ނަދުވާ އަހާލިއެވެ.
“މި އައީ ވަރަށް ބޮޑު ކަމަކު. އިއްޔެ ވަރަށް ސަކަރާތްވެއްޖެ. އަހަރެން ސުނޭގެ އިންތިޒާރުގައި ހުއްޓައި އެއޮއް އުޅޭ ވިމާލު އައިސް ވާހަކަ ދައްކަން ފެށުމުން ސްކޫލް ގަޑި ޖެހިގެން ދިޔައިރުވެސް އަހަންނަށް ރޭކާވެސް ނުލި،” ދީނާގެ އަޑުގައިވަނީ ހާސްކަމެވެ.
“ދެން ތިއީ އެހާވަރުކަމެއްތަ؟” އެކަން މާބޮޑު ކަމަކަށް ހަދާކަށް ނަދުވާ ބޭނުން ނުވާ ކަހަލައެވެ.
“މި ނަދުވާ ސީރިއަސްއެއް ނުވާނެ. ސުނޭއަށް އަހަރެން ކައިރީގައި ވިމާލު ހުރިތަން ފެނުމުން ދިޔައީ އަހަންނާ ވާހަކަވެސް ނުދައްކާ. ފެންނަފެނުމަށް ހީވަނީ އޭނާ ހުރީ ވަރަށް ރުޅިއައިސްފައިހެން،” ދީނާ ވާހަކަ ދެއްކިއިރު އޭނާ ހާސްވެފައި ހުރި ވަރު ނަދުވާއަށް ފާހަގަކުރެވުނެވެ. އެހެން ނަމަވެސް ނަދުވާ ބޭނުންވީ ދީނާ އިތުރަށް ތަޅުވާލާށެވެ.
“އެހެންނު ވާނީ. މީހަކު ހައި ޖަހައިލާއިރަށް ތިހުންނަނީ އޭނާގެ ހިތުގެ އެދުން ފުރިހަމަކޮށްދޭން ތައްޔާރަށްވިއްޔާ!” ނަދުވާ ވާހަކަ ދެއްކީ ދީނާ ރުޅިއަރުވާލުމުގެ ގަސްތުގައެވެ.
“އަމުދަކުން މަށެއް ނޫޅެން އެ ވިމާލަކާ ހެދިއެއް. ނަދުވާވެސް އަހަންނަށް ޚިޔާލެއް ދިނުމުގެ ބަދަލުގައި ތިޔަ ކުރަނީ މަލާމާތް. ނަދުވާ ކައިރިއަށް އައުން މިވީ ބޭކާރު ކަމަކަށްނު،” ދިނާ ތެދުވެގެން ދިއުމަށްޓަކައި ހިނގައިގަތެވެ.
“ހާދަ ރުޅިއެއް ތިއައީ؟ އިހަށް މަޑުކޮށްބަލަ! މަށަށް ހީވަނީ މިހާރު ސުނޭވެސް ހަމައަކަށް އެޅިދާނެހެން. ރުޅިއައިސްގެން ދިޔައަކަސް މައްސަލަ ހައްލުވީ ކަމަކަށް ނުވާނެއެއްނު،” ނަދުވާ މިހެން ބުނުމުން ނުކުންނަންދިޔަ ދީނާ މަޑުޖެހިލިޔެވެ.
“މާދަމާ ސްކޫލަށް ދަމުން ސުނޭއާ ބައްދަލުކޮށް ކަންތައް ވީގޮތް އޮޅުންފިލުވާދޭނީ. ހަޤީޤަތް އެނގުމުން ސުނޭވެސް ގަބޫލުކުރާނެ،” ނަދުވާ އޭނައަށް ފެންނަގޮތް ބުންޏެވެ.
“މަގޭ ރަހުމަތްތެރިޔާ ހާދަ ރަނގަޅޭ. އެހެންވެ ނަދުވާ ކައިރިއަށް މަޝްވަރާކޮށްލާ ހަދަން އާދެވެނީ ނަދުވާއަށް އެނގޭވީއްޔަ މޮޅެތި ޚިޔާލުތައް ދޭން. ތީހަމަ ބެސްޓް،” ދީނާގެ ތައުރީފުގެ ބަސްތައް އޮހިގަތެވެ.
“އައްދޭ. ގޯނިފުލަށް ނުލިއަސް އެންމެ ރަނގަޅޭ،” ހީނލަމުން ނަދުވާ ބުންޏެވެ.
“ދެން މިވަގުތު ގޮސްލީއްޔޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ.”
ޖެހިގެން އައި ދުވަހު ދީނާ ސްކޫލަށް ދާން ދިޔަ މަގުމަތީގައި، ސުނޭއާ ދިމާވިއެވެ. ދީނާ ހިނިތުންވެލުމުން އަޅާވެސް ނުލާ ސުނޭ ހިނގައިގަތުމުން ދީނާއަކަށް ކެތެއް ނުކުރެވުނެވެ.
“ސުނޭ. ކިހިނެއް ވެގެން ތިޔަ އުޅެނީ؟” ދީނާ ހުރީ ވަރަށް ދެރަވެފައެވެ.
“ކޮންމެހެން ނޭނގޭ ކަމަށް ހެދުމުގެ ބޭނުމަކީ ކޮބާ؟ އަހަންނަށް އެނގެޔޭ ވިމާލު އަހަންނަށްވުރެ ރީތިކަން،” ސުނޭގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. އެހެންކަމުން ދީނާ އިތުރަށް ދެރަވިއެވެ.
“އަހަރެން ވިމާލާ ވާހަކަ ދެއްކީ ކޮންމެހެން ލޯބިވާތީކީ ނޫން. އޭނަ އައިސް ވާހަކަ ދައްކަން ފެށުމުން އަހަރެންވެސް ވާހަކަދެއްކީ.”
“އިތުރު ވާހަކައެއް ބޭނުމެއް ނޫން. ތިޔަ ކަހަލަ މީހުންގެ ވައްތަރޭތީ،” ސުނޭގެ އަޑު ބާރެވެ. އޭނާ ހުރީ ވަރަށް ރުޅި އައިސްފައެވެ.
“ހެޔޮނުވާނެ ތިހެންބުނަން. އަހަރެން ދައްކާ ވާހަކަ ޤަބޫލުކޮށްބަލަ. ނިކަން އަންޑަސްޓޭންޑް ވެބަލަ،” ފަހަތުން ގޮސް ސުނޭގެ އަތުގައި ދީނާ ހިފިއެވެ.
“ދީނާ!! ތިދެން މާ މައްޗަށް ދަނީ އިނގޭ. މީ މަގުމައްޗޭ. ހަމަ ތެދެއް މިބުނީ މިއަދުން ފެށިގެން އަހަރެމެންގެ މެދުގައި އެއްވެސް ގުޅުމެއް ނޯންނާނެ.”
ކިތަންމެ ކުރަން އުނދަގޫވިޔަސް އައިސްފައިވާ ރުޅީގެ ސަބަބުން އަދިކިރިޔާ ފެށުނު އެ ދެމީހުންގެ ލޯބީގެ ގުޅުން ކަނޑާލުމަށްފަހު ދީނާގެ އަތް ފޮޅުވާލާފައި ސުނޭ ކުރިއަށް ހިނގައިގަތެވެ. ސުނޭގެ ރުޅިވެރި ބަސްތައް އަހާކަށް ދީނާއަކަށް ކެތެއް ނުކުރެވުނެވެ. ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އެ ވަގުތަކީ ކަންދިމާކުރި ގޮތުން ނަދުވާއަށްވެސް އެތަނަށް އާދެވުނު ވަގުތެވެ. ރަހުމަތްތެރިޔާ ރޯ މަންޒަރު ބަލާކަށް ނަދުވާއަކަށް ކެތެއް ނުކުރެވުނެވެ.
“ސުނޭ!! ތިދެން ކޮންގޮތެއް؟ މިއަދު ލޯބިވެފައި… ހިތުގެ އެދުން ފުދުމުން މާދަމާ ވަކިވާންވީ…. ތީލޯބިތަ؟” ރަހުމަތްތެރިޔާ ރޯތީވެ ހިތްހަމަނުޖެހިފައި ހުރި ނަދުވާ ސުނޭއާ ދިމާށް މިހެން ބުނީ ނުރުހުންވެފައި ހުރެއެވެ.
“މީކީ ނަދުވާއާ ބެހޭކަމެއް ނޫނޭ. ދީނާ ކުރެން އަހާބަލަ. އޭނާ އަށް އެނގޭނެ… އޭނާ އުޅޭ ގޮތް. އެ ފާޑު މީހުން އެކެއް ދެމީހުންނަކަށް ނޫން ލަނޑު ދޭނީ. އަހަރެންމީ ހައެއް ކަންނޭނގެ،” މަލާމާތުގެ ރާގަކަށް ސުނޭ ބުނެލިއެވެ.
“ޝައްކުކުރިއަސް ތީ ބޮޑުވަރު. ސުނޭ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫނޭ ދީނާ އަކީ. ތިޔަ އުޅެނީ ދީނާއާ ދުރުވެވޭނެ ގޮތެއް ނޭނގިގެން ދޯ؟” ރޮވިފައި އިން ދީނާގެ ބޮލުގައި ފިރުމާލަމުން ނަދުވާ ބުންޏެވެ.
ދީނާ ހަމައަކަށް އެޅެންދެން ދެމީހުން އެތަނުގައި މަޑުކޮށްލިއެވެ. ހަމައަކަށް އެޅުމުން ލޮލުން އައިސްފައިވާ ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ސްކޫލަށް ދިއުމަށް ދެ މީހުން ހިނގައިގަތެވެ. އެވަގުތު އެ ހިސާބުގަނޑުގައި ގިނަ ބަޔަކު ނެތްކަން އެއީ ހަމަ ދީނާގެ ނަސީބެވެ. އެހެން ނޫންނަމަ މި ކަންތައްގަނޑުގެ ޚަބަރު އޭނާގެ މައިންބަފައިންނާ ހިސާބަށް ވެސް ދިޔައީހެވެ.
އެ ދުވަހު ސްކޫލުގައި ހޭދަކުރި ވަގުތުތައް ވެސް ވެގެންދިޔައީ ދީނާއަށް ވަރަށް ފޫހިކޮށެވެ. ޓީޗަރުންގެ ވާހަކަތަކަށްވެސް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. އެހެންކަމުން ސްކޫލު ނިމުމާއެކު ދީނާ އަވަސްވެގަތީ ގެއަށްދާށެވެ. ނަދުވާ އަންނަންދެންވެސް މަޑުކޮށްނުލައެވެ.
“އަހަރެން އަންނަންދެން މަޑުވެސްކޮށް ނުލަނީތަ؟” ދުވަމުން ކަހަލަ ގޮތަކަށް އައިސް ދީނާއާ އަރާ ހަމަކުރަމުން ނަދުވާ ވާހަކަ ދެއްކިއެވެ.
“މިއަދު މޫޑް އެހާ ރަނގަޅެއްނޫން،” ފޫހި ގޮތަކަށް ދީނާ ބުންޏެވެ. ހަގީގަތުގައިވެސް މިއަދު ދިމާވި ކަންތައްތަކުގެ ސަބަބުން ދީނާ ހުރީ ފޫހިވެފައެވެ. ރުޅި އައިސްފައެވެ. ދެރަވެފައެވެ.
“އަހަންނަށްވެސް އެނގެއޭ. އަދިވެސް ސުނޭއާ ވާހަކަ ދައްކައިގެން ތިކަންތައް ހައްލުކުރެވޭތޯ ބަލާބަލަ،” ނަދުވާ ބުނީ އޭނައަށް ފެންނަގޮތެވެ. އަބަދުވެސް ކަންތައްތައް އެންމެ ރަނގަޅަށް ހައްލުވެގެން ދިއުމަށް ނަދުވާ ބާރު އަޅައެވެ. މައްސަލަތައް ދިގުލައިގެން ނުދަނީސް ހައްލު ހޯދުމަށް މަސައްކަތް ކުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް އޭނާ ދެކެއެވެ. އެހެންކަމުން ރަހުމަތްތެރިޔާވެސް ވިސްނުމުގެ ބޭނުން ހިފައި، ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުމަށް ނަދުވާ ނަސޭހަތްތެރިވީއެވެ.
“ނަދުވާ އަކަށް ނޭނގޭނެ ސުނޭގެ ގޮތެއް. ވަރަށް ގޮތްދޫނުކުރާނެ. ބުނާ އެއްޗެއްގައި ހިފަހައްޓާ މީހެއް އެއަކީ. ދެން ނަދޫ އަށްވެސް އެނގޭނެ އޭނާ އަހަންނާ ދިމާއަށް އެކީ އެއްޗެހި. ހަމަ ތެދެއް މިބުނީ ސުނޭ މާފަށް އެދުނީމަ ނޫނީ އަހަރެން… ދެން އެކަމަކާ ނޫޅޭނަން،” ދީނާ ވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ސުނޭ ކަންތައް ކުރި ގޮތުން ފޫހިވެފައެވެ. އެވަރަށް ލޯބިވި މީހަކު އިތުބާރު ނުކޮށް އެޅުވި ދޮގު ތުހުމަތުތަކުން ރުޅި އައިސްފައެވެ.
“އެކަމަކު ދީނާ… ސީރިއަސްކޮށް ވިސްނަބަލަ.. އަހަންނަށް ހީވަނީ ކުޑަ ދުވަސްކޮޅެއް ވާއިރަށް ތި ދެ މީހުންވެސް ތިކަމާ ހިތާމަކުރާނެހެން. އޭރުން އޮންނާނީ ވަގުތު ފާއިތުވެފައި،” ނަދުވާ މަސައްކަތްކުރީ ދީނާއަށް ވިސްނައިދެވޭތޯއެވެ.