ރޯދަ މަހު އާންމު ކާބޯތަކެތީގެ އަގު ހިފެހެއްޓުނީ އެކަމަށް ދުރާލާ ތައްޔާރުވެވުމުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝިމާދު ވިދާޅުވީ އެހެން ރޯދަމަސްތަކާ ހިލާފަށް އާންމު ކާބޯތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުނީ އާންމު ވިޔަފާރިވެރިންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ.
އެސްޓީއޯއިން އަންނަނީ މިދިޔަ ޑިސެމްބަރުން ފެށިގެން ފިޔާ އެތެރެ ކުރަމުންނެވެ. އެހެންވެ ރޯދަ މަސް ނިންމާލީ ފިޔާގެ އަގު ކޮންޓްރޯލު އަގެއްގައި ހުރެފައެވެ. އެސްޓީއޯ އިން އާންމުކޮށް އެތެރެކުރަނީ ހަނޑޫ ހަކުރު ފުށް ނަމަވެސް ރޯދައަށް ހާއްސަކޮށް މާކެޓުގައި އަގު އުފުލޭ ބާވަތްތައް އެތެރެ ކުރަމުން އަންނަ ކަމަށް ޝިމާދު ވިދާޅުވި އެވެ. ރޯދައަށް ހާއްސަކޮށް ފިޔާ އަލުވި ބިހުގެ އިތުރުން ލުނބޯ އާއި ކެރެޓު ވެސް ވަނީ މާކެޓަށް އެތެރެކޮށްފައެވެ.
ރައީސްގެ ވެސް އިރުޝާދާ އެކު ރޯދަ މަހު ކުރިން ދުރާލާ ރޭވުނު ކަންތައްތަކާ އެކު އަގުތައް މެއިންޓެއިން ކުރެވުނު،– ޝިމާދު
ޝިމާދު އިތުރަށް ވިދާޅުވީ މި އަހަރުގެ ތަޖުރިބާގެ އަލީގައި އަންނަ އަހަރުގެ ރޯދަ މަހު މިއަށް ވުރެ ވެސް ރަނގަޅަށް އަގުތައް ކޮންޓްރޯލު ކުރަން އިސްކަން ދެއްވާނެ ކަމަށެވެ.