ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ ހުއްޓުވުމަށް އެސްއޯ ފުލުހުން ބޭނުންކުރި މައްސަލާގައި ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައިފިއެވެ.
ރައީސް ވިދާޅުވީ ރޭގެ ޖަލްސާގެ ކަންކަން ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކަން ކޮށްފައިވަނީ އެމަނިކުފާން ބޭނުންފުޅުވެލައްވާ ގޮތަށް ނޫން ކަމަށެވެ. ރައީސް މިފަދައިން ވިދާޅުވީ އީދު ސަލާމަށް ފަހު މުލިއާގޭގައި ހުންނަވައި ބައެއް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ރޭ އެކަން ހިނގީ އެފަދަ ތަންތަނަށް އެސްއޯ ފުލުހުން ނުފޮނުވަން އަންގާފައި ވަނިކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.
“ކުރީގައި ފެނުނު ގޮތަށް އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް، ރައްޔިތުން ހިފާ ހައްޔަރުކޮށް އެއްވެސް ސަބަބަކާ ނެތި. ކުރީގައި ފެނިފައި އެބަހުރި ހިޔާލު ފާޅުކޮށްލާއިރަށް މަގުމައްޗަށް ނުކުމެލާއިރަށް ގެންގޮސް ޕިކަޕަށް އަޅާލައިގެން ގެންދަނީ. އެކަން އަޅުގަނޑު ގަބޫލެއް ނުކުރަން،” — ރައީސް
ރައީސް ވިދާޅުވީ އެސްއޯ ފުލުހުން ތަނަކަށް ފޮނުވަން ޖެހޭނީ ބައެއްގެ މުދަލަށް ގެއްލުން ދިނުންފަދަ ބޮޑު ހަމަނުޖެހުމެއް ހިންގާނަމަ ކަމަށާއި އެ ހާލަތަށް ގައުމު ނުދާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނަށް އެބައޮތް ކަމަށެވެ.
“ވަރަށް ހިތާމަ ކުރާކަމެއް މިއީ. އަޅުގަނޑުގެ ވަރަށް ސާފު އިރުޝާދު ދީފައި އޮތްކަމެއްގައި މިހެން ދިޔައީމަ. އަޅުގަނޑު ވަގުތުން އެކަމަށް އެޓެންޑްވިން،”– ރައީސް
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އިރުޝާދާ ޚިލާފަށް މިކަން ހިނގި ގޮތް ސާފު ކުރުމަށް ރޭ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއާ ސުވާލު ކުރެއްވި ކަމަށެވެ. އަދި މިރޭ އިރުއޮއްސެންވާއިރަށް ކަން ހިނގިގޮތުގެ ތަހުގީގީ ރިޕޯޓް ފޮނުވުމަށް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރިޕޯޓް ލިބުމުން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާއި ސިޔާސީ ހިޔާލު ފާޅު ކުރުމަކީ ހައްގެއް ކަމަށާއި އެކަމަށް އެ މަނިކުފާނު ހުރަސް ނާޅުއްވާނެ ކަމަށެވެ.