މި ހިނގާ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުނުކުރާ، ވަޒީފާތަކުގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކައިގެ ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދުތައުފީގު އެދިއްޖެއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އިންސުރެ އެ ވީޑިއޯ އަންނަނީ ދައުރުވަމުންދާއިރު، އެ ވީޑިއޯގައި ވާހަކަދައްކާ ހަންޓާ އަހުމަދު ވަނީ ވަޒީފާތަކުގައި ތިބި މީހުންނަށް، އެއީ އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ މީހުންކަމުގައިވީ ނަމަވެސް ސަރުކާރުގެއިސް ފަރާތްތައް ގުޅައިގެން ސަރުކާރު ކެންޑިޑޭޓުންނަށް އެއްބާރުލުން ދިނުމަށް އެދި ދަންނަވަން ޖެހޭ ކަމަށް ބުނެފައެވެ.
This is not OK. Please submit the complaints form to the National Complaints Bureau for necessary actions. https://t.co/vJc77vUGs7
— Fuwad Thowfeek (@FuwadThowfeek) April 13, 2024
އެ ކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އެކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެ ވީޑިއޯ އިން ފެންނަ މީހާ ދައްކަމުން ގެންދާވާހަކައަކީ އެއްވެސް ހާލަތެއްގައި ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި، އެހެންކަމުން ފުއާދު އެދުނީ އިންތިހާބީ ކަންކަމާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ގާއިމްކޮށްފައިވާ ގައުމީ ކޮމްޕެލެއިންސް ބިއުރޯ އަށް މައްސަލަ ހުށަހެޅުމަށެވެ.