ރައްޔިތުންގެ މަޖިލީހާއި ނުލައި ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ފ. ނިލަންދޫ ރައްޔިތުންނާ އެކު ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ބަޖެޓް ފާސްކުރަނީ މަޖިލީހުން ކަމަށާއި މަޖިލީހާއި ނުލައި ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މިހާރު ސަރުކާރުން ބޭނުން ކުރާ ބަޖެޓު ވެސް އޮތީ ވަރަށް ހާލުގައި ކަމަށާއި މިހާރު އޮތް މަޖިލީހުން ބަޖެޓް ފާސްކޮށްދިނީ ނަމެއްގައި މަޝްރޫއުތައް ހިމެނުމަށްފަހު ކަމަށް ރައީސް ވިދާޅުވި އެވެ.
“އަލަށް ފަށަން އަޅުގަނޑު ވައުދުވެފައި އޮތް މިސާލަކަށް ބަނދަރެއް ހަދަން ޖަހާފައި އޮވެދާނެ ދެ ލައްކަ ރުފިޔާ. އެހެން އެބަހުރި އެތައް މަޝްރޫއެއް ހިމަނާފައ”،– ރައިސް
ތަރައްގީ ގެންނަން ބޭނުން ވަނީ ބާރު ސްޕީޑުގައި ކަމަށާއި ލަސް ލަހުން ތަރައްގީ ގެނައުން އެއީ އެމަނިކުފާނުގެ ވިސްނުމެއް ނޫން ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެއްޖެ ނަމަ މަޝްރޫއުތަކަށް ހިމަނާނީ ދެ ލައްކަ ރުފިޔާ ނޫން ކަމަށާއި އޭރުން ސަރުކާރުން އެދޭ ގޮތަށް ފައިސާ ހިމަނައި ފާސްކޮށްދޭނެ ކަމަށެވެ.
މި ވިސްނުމުގައި މުޅި ރާއްޖޭގެ ރައްޔިތުން ކުރިއަށްދާ ނަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްގީ ވަރަށް ބާރު ސްޕީޑުގައި ހާސިލުވާތަން ފެންނާނެ ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް ވިދާޅުވި އެވެ.