ކުރީގަ ފެނުނުހެން ސިޔާސީ ގޮތުން ދައްކާ ވާހަކައަކުން އެއްވެސް މީހަކު ހައްޔަރެއް ނުކުރާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރޭ ފ.ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ކުރީގައި ވެރިކަންތައް ބަދަލުވެގެން އައުމުން ރިޔާސީ ކޮމިޝަންތައް ވެސް ހެދި ކަމަށާއި ސިޔާސީ މީހުން ގެންގޮސް ހައްޔަރުކޮށް ޖަލަށްލައި އަދަބު ވެސް ދިން ކަމަށެވެ. ނަމަވެސް އެ މަންޒަރުތަކެއް މިހާރު ނުފެންނާނެ ކަމަށެވެ.
“ހަމަޖެހުން ގާއިމުކުރަން ބޭނުމޭ, ބަދަލެއް ނުހިފާނަމޭ, އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫނޭ ދެން އެވާހަކަ ދެއްކީ ސިޔާސީ ބޭނުމަކު ނޫން. ހަގީގަތުގަ ވެސް މި ގައުމަށް ހަމަޖެހުން ގެންނަން ބޭނުންވާތީވެ, ހަގީގަތުގަ ވެސް މި ގައުމުގަ މި ނުބައި ސިޔާސީ އޮއިވަރު ނައްތާލަން ބޭނުންވާތީ”– ރައީސް
ބަދަލުހިފުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް އެހެން ބައެއް ބޭފުޅުންގެ ވިސްނުން ހުރީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މި ސަރުކާރާ ދެކޮޅަށް ބަދަލުހިފަން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެފަދައިން ވިސްނުން ގެންގުޅިގެން ގައުމަށާއި ރައްޔިތުންނަށް ތަރައްގީ އާއި ފައިދާ ނުގެނެވޭނެކަމަށާއި އެހެންކަމުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެކަމަށް ވިސްނަވާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.