-Advertisement-

-Advertisement-

ދިވެހި ގައުމިއްޔަތާ ބެހޭ ކޮލެޖެއް ވަރަށް އަވަހަށް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ

މާފަރު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ދިވެހި ގައުމިއްޔަތާ ބެހޭ ކޮލެޖެއް ވަރަށް އަވަހަށް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދިވެހި ބަހުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ދިވެހި ގައުމީ ޗާޕުހާނާ އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި ޗާޕުހާނާ އުފަންވުމާއެކު ދިވެހިބަހުން ލިޔެވިފައިވާ ޒަމާނީ ފޮތްތަކާއި އެ ނޫންވެސް ޒަމާނީ ޑިޖިޓަލް އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހި ބަހުން އާންމުވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށުގައި ކުތުބުހާނާތަކާއި ސަގާފީ މަރުކަޒުތައް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ބަހުގެ ދުވަހަކީ ގައުމުގެ ހުރިހައި ދާއިރާއަކުން ދިވެހި ބަހާމެދު ފިކުރު ހިންގާންވި ދުވަސް ކަމަށާއި ދިވެހި ބަހުގެ ދުވަހުގައި އިސްކަން ދޭންވީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އަމަލުކޮށް ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުން ކުރަން ކަމަށެވެ.

ރައީސް ވިދާޅުވީ މި ގައުމުގެ އެއްބައިވަންތަކަމާއެކު ފަސްގަނޑު ރައްކާތެރިކޮށްގެން އުފެއްދުންތެރި މަސައްކަތްތެރި އަދި ގުޅުންތެރި ބައެއްގެ ގޮތުގައި ދެމި ތިބުމުގައި ދިވެހި ބަހުގެ ދައުރު ފުޅާ ކަމަށެވެ.

އަދި ދިވެހި ބަހުގެ އަސަރު ވެސް ވަރުގަދަ ކަމަށާއި އެހެންވެ ދިވެހި ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް އެ ދުވަހުގެ ހައިބަތު ދިވެހި ދަރީންގެ ހިތްތަކުގައި މަތިވެރިކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމިއްޔަތު މާއްދާގެ ފިލާވަޅުތަކުން ކިޔަވާ ކުދީންނަށް ހެޔޮ އަސަރުތަކެއް ފޯރާނެ ކަމަށާއި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ކިޔެވުން ފެށުމުން ޒުވާނުންނާއި އާންމުންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-