-Advertisement-

-Advertisement-

މަދިރި އާލާވާ 5 ތަނެއް

މަދިރިއަކީ އޭގެ ޒަރީޔާއިން ވަރަށް ގިނަ، ނުރައްކާތެރި ބަލި ފެތުރޭ އެއްޗެކެވެ. އަދި އާއްމުކޮށް، ވިއްސާރަ މޫސުންތަކަށްފަހު ފެންހަރުލާފައި ހުންނަ ތަންތަން ގިނަވުމުގެ ސަބަބުން، މަދިރިއާލާވެ ގިނަވާކަން ފާހަގަވެގެންދެއެވެ. ވީމާ، މަދިރި އާލާވިޔަ ނުދިނުމަށް ތިރީގައި މިވާ ތަންތަން ސާފުކުރުމަށް ސަމާލުކަންދޭންވާނެއެވެ.

1. ޖަމާވެފައި ހުންނަ ކުންޏާއި ފެން ހަރުލާގޮތަށް ހުންނަ ތަކެތި
މަދިރި އާލާނުވާނެހެން ތަންތަން ސާފުކުރާއިރު އާންމުކޮށް ކުނި ޖަމާ ކުރާ ތަންތަން ސާފުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެއީ މިފަދަ ތަންތަނަކީ އާއްމުކޮށް ފެންހަރުލާގޮތަށް ތަކެތި ހުންނަ ތަންތަނަށް ވާތީއެވެ. މަދިރި އާލާވުން މަދުކުރުމަށްޓަކައި އުކާލެވޭ ކުނި ރަނގަޅުގޮތުގައި މެނޭޖްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

2. ފެންވަޅުތަކާއި ފެންތާންގި ފަދަ ތަކެތި
ފެންވަޅާއި ފެންތާންގިތަކުގައި މަދިރި އާލާވުމަކީ ވަރަށް އާންމުކަމެކެވެ. މަދިރި އާލާވިޔަ ނުދިނުމަށް ފެން ވަޅަށް މަސް އެޅިދާނެއެވެ. މަސްތައް މަދިރި ފަނި ކެއުމުން މަދިރި އާލާވުން މަދުކުރެވޭނެތީއެވެ. މީގެއިތުރުން، ފެންތާންގި ތެރެއަށް މަދިރިއަށް ނުވަދެވޭނެހެން ރަނގަޅަށް ބަންދުކުރުމާއި ޤަވާއިދުން ސާފުކުރުމަކީ ކުރެވިދާނެކަމެކެވެ.

3. ހަދަމުންދާ އިމާރާތްތަކުގެ ފައުންޑޭޝަން އެޅުމަށް ކޮނެފައި ހުންނަ ވަޅުގަނޑު
އާންމުކޮށް މީހުން ދިރިނޫޅޭ ގޯތިތަކުގައި މަދިރި އާލާވުމަކީ ވަރަށް ގިނައިން ދިމާވާކަމެކެވެ. މީގެތެރެއިން ހަދަމުންދާ އިމާރާތްތަކަކީ ޙާއްސަ ސަމާލުކަމެއްދީގެން ސާފުކުރަންޖެހޭތަންތަނެވެ. އެއީ މިފަދަ ތަންތަނުގައި ފައުންޑޭޝަން އެޅުމަށް ކޮނެފައި ހުންނަ ވަޅުގަނޑުތަކާއި ފެންހަރުލާގޮތަށް ހުންނަ ތަކެތީގައި މަދިރިއާލާވާނެތީއެވެ.

4. ދިޔަދޮވި އަދި ފެންއެޅޭގޮތަށް ހުންނަ އެހެނިހެން ތަންތަނާއި ތަކެތި
ގޭތެރޭގައި ފެންހަރުލާ ތަންތަނުގެ ގޮތުގައި އެއްމެ އާންމުކޮށް ފާހަގަކުރެވޭ އެއްތަނަކީ ދިޔަދޮވިއެވެ. ވީމާ، ދިޔަދޮވި ހަރުކުރުމުގައިވެސް މިކަމަށް ސަމާލުވެ، ފެންހަރުނުލާނެގޮތަށް ދިޔަދޮވި ހަރުކުރުމާއި ދިޔަދޮވި ގިނަގިނައިން ސާފުކުރުމަކީ މުހިއްމުކަމެކެވެ.

5. ފެންހަރުލާ ބައެއް ވައްތަރުގެ ގަސްތައް
ބައެއް ގަސްތަކަކީ އެގަސްތަކުގެ ފަތްތަކާއި ގޮފިތަކުގައި ފެންހަރުލާ ގަސްގަހެވެ. ވީމާ، ގޯތިތެރޭގައި ހައްދާ ގަސްތައް އިޙްތިޔާރުކުރުމުގައި މިކަމާއިމެދު ވިސްނާލުން މުހިއްމެވެ. އަދި މިފަދަ ގަސްތައް ކޮށައި ސާފުކުރުމަކީވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެކަމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-