އެފްއޭއެމްގެ ރައީސް ރައީސް ބައްސާމް ޢަދީލް ޖަލީލްގެ އަމިއްލަ ކަންކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން 12 މިލިއަން ޑޮލަރު (191 މިލިއަން ރުފިޔާ) ދިންއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ބޭނުންކޮށްފައި ވާކަމަށް ޕްރޮސެކިއުޓާ ޖެެނެރަލް އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނީ 2018 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ފީފާއިން 12 މިލިއަން ޑޮލަރު އެފްއޭއެމްއަށް ދިނުމުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޑޮލަރު މާރު ކުރުމުގެ ނަމުގައި ޖަމާކުރީ ބައްސާމްގެ އެކައުންޓަށް ކަމަށާއި ނަމަވެސް އެއަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައި ނެތް ކަމަށެވެ.
ބައްސާމް ޢަދީލް ޖަލީލަކީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުވެސް އޮތް މީހެއް ކަމަށާއި އެ މައްސަލަވެސް އޮތީ އޭސީސީ ތަޙުޤީޤު މަރުޙަލާގައި ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ބައްސާމްގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލާފައިވަނީ 9،999 އެމެރިކާ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910 އެމެރިކާ ޑޮލަރު 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.
މިކުށް ސާބިތުވެއްޖެނަމަ 100،000 ރުފިޔާއާއި 1،000،000 ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.