ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.
އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ ރޭ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެން ކަމަށް ސިފައިންގެ ގާނޫނުގައި ބުނެފައިވެ އެވެ.
އެގޮތުން ސިފައިންގެ ހިދުމަތުން އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ އުމުރުން 60 އަހަރު ފުރިވަޑައިގަތުމާއިއެކުއެވެ. އަބްދުއްރަހީމް ސިފައިންގެއާ ގުޅިވަޑައިގަތީ ފެބްރުއަރީ 18، 1985 ގަ އެވެ.
ސިފައިންގެ މައިމަރުކަޒުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަބްދުއްރަހީމްގެ ޝަރަފުގައި ދިވެހި ސިފައިން އޮނާ ގާޑެއް އަރުވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސިޓީފުޅު އަދި އިހްލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމްއާ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންވަނީ
ހަވާލުކޮށްދެއްވާފައިއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދޭ ސިޓީ އާއި ރިޓަޔަމަންޓްގެ ރަމްޒީ ކާޑު އަބްދުއްރަޙީމްއާ ހަވާލުކޮށް ދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
ސިފައިންގެ ހިދުމަތުގައި އަބްދުއްރަހީމް ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާއިރު، މީގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފާހަގަކޮށްލެވެ އެވެ.
އަބްދުއްރަހީމް ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ގައުމަށް ކޮށްދެއްވި ހާއްސަ ހިދުމަތްތަކުގެ ތެރޭގައި، ނޮވެމްބަރު ތިނެއް، 1988 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއަށްފަހު ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަތުމާއި، ޑިސެމްބަރު 26، 2004 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަން ހިމެނެ އެވެ.
މީގެ އިތުރުން، އަބްދުއްރަހީމް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިހްލާސްތެރި ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހުލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލަ ވަނީ ލިބިވަޑައިގެންފައިއެވެ. އަދި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ދިވެހި ދައުލަތަށް ހިދުމަތްކުރައްވައިގެން 2021 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލުކުރައްވާފަ އެވެ.