ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އައްޔަންކުރައްވައިފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އިބްރާހީމް ހިލްމީ އައްޔަން ކުރައްވައި އެކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހު ގައިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ މިއަދު އައްޔަންކުރައްވާފައި މިވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުން ގެންދެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފަށް 60 އަހަރު ވުމުގެ ސަބަބުން ސިފައިންގެ ހިދުމަތުން އިއްޔެ ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށްވެސް ބޭފުޅަކު އައްޔަންކުރައްވާފަ އެވެ. އެގޮތުން މިމަގާމަށް އައްޔަންކުރެއްވީ މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޣިޔާޘް އެވެ.