ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމުގެ ބައި ބާތިލުކޮށް އެ މައްސަލަ އަބުރާބެލުމަށް ހައި ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފިއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވުމުން، މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރަށް، ޖުމްލަ 11 އަހަރުގެ އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން ވަނީ ކޮށްފައެވެ.
ހުކުމުގައިވަނީ ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގޯސް ކަމަށެވެ. އަދި ޔާމީންގެ މާލީ ބަޔާނުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމެއް ކަމަށް ދަށު ކޯޓުން ބެލީ ވެސް ގާނޫނާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ.
ދަށުކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް އެމައްސަލައިގެ އަޑުއެކުން ނިންމާފައިވަނީ މިދިޔަ އަހަރު ނޮވެންބަރ މަހުގެ 21 ވަނަ ދުވަހުގައިއެވެ. މައްސަލައިގެ އަޑު އެހުންތައް ނިމި ހުކުމް އިއްވުމަށް ގިނަދުވަސް ތައެއް ވެގެންދިއުމުން ރައީސް ޔާމީންއަށް ތާއިދުކުރާ ފަރާތްތަކުން ދިޔައީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ސަރުކާރުގެ ނުފޫޒުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިމެންދެން ލަސްކުރަމުންދާކަމަށް ވަނީ ތުހުމަތު ކޮއްފައެވެ.
މި މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމާ ގުޅޭގޮތުން ވެސް ހައި ކޯޓުން މިރޭ ގޮތެއް ނިންމާނެ އެވެ.