ކޯލިޝަނެއް ނުހެދި ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކުގައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ވިދާޅުވީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލު ކުރުމުން، ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުލޫމާތު ދެއްވަމުންނެވެ.
އެގޮތުން ޔާމީން ވިދާޅުވީ ކޯލިޝަނެއް ހަދައިގެން މަސައްކަތް ނުކުރިޔަސް އެމްޑީޕީއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެމްޑީޕީން ނުވަތަ ޕީޕީއެމްއިން ނަމަވެސް އެމަނިކުފާނު ގަބޫލު ނުކުރައްވާ ސިޔާސަތުތަކަށް ހަމަ ގަބޫލު ނުކުރާނެ ކަމަށް ޔާމީނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގެ ރިސޯސަސްތައް ބޭރުގެ މީހުންނަށް ވިއްކާލުމާ އަބަދުވެސް އެމަނިކުފާނު ދެކޮޅު ހައްދަވާނެ ކަމަށެވެ. ރަސްމާލެ ހިއްކުމުގެ އަގެއްގެ ގޮތުގައި މި ސަރުކާރުން 90 ހެކްޓަރުގެ ބިން ބޭރުގެ ބަޔަކަށް ވިއްކާލުމަކީ ޖީއެމްއާރަށް އެއާޕޯޓު ވިއްކާލުން ފަދަ ނިންމުމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމި ފަސް މަސް ފަހުން އިއްޔެ ވަނީ އެ މައްސަލައިގައި ހުކުމްކޮށްފައެވެ. ހައި ކޯޓުން އެ މައްސަލައިގައި ހުކުމްކުރީ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުންކުރި ހުކުމް ބާތިލު ކުރުމަށާއި އަލުން އެ މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށެވެ.