ހިޔާ ފްލެޓްގެ ކޮޓަރިއެއްގައި ހުރި ފަންކާއެއް ޝޯޓުވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު މެންދުރުފަހު 15:47 އެހާއިރު ކަމަށާއި އެ ވަގުތު ސިފައިން އެ ސަރަހައްދަށް ދިޔަ އިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.
އެންޑީއެމްއޭ އިން މިރޭ ބުނި ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ހިޔާ ފްލެޓް 11-11-11ގަ އެވެ. އެ ހާދިސާގައި ގެއްލުން ލިބިފައިވަނީ އެ އެޕާޓުމަންޓުގެ އެއް ކޮޓަރިއަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ހުޅުމާލޭ ހިޔާ ފްލެޓް 11-11-11 ގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއްކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާތީ އެތަނުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އެބަގެންދަން. pic.twitter.com/d6aImogrfk
— NDMA Maldives (@NDMAmv) April 22, 2024
އެ ތަނުގައި ދިރިއުޅޭ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭ އިން ކުރަމުން އަންނަނީ، އެ ހާދިސާގައި ގެއްލުންވި ކޮޓަރިއަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާތީ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.