މިދިޔަ އަހަރު އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެން ނެތި އިސްރާއީލުން ފަލަސްތީނަށް ހަމަލާދެމުންދާތާ މިއަދަށް ވަނީ 200 ދުވަސް ހަމަވެފައެވެ.
ނަމަވެސް މި ހަނގުރާމަ ފެށުނީ މިދިޔަ އަހަރުގެ އޮކްޓޯބަރ 7 ވަނަ ދުވަހުގައެއް ނޫނެވެ. މިއީ މީގެ 70 އަށްވުރެ ގިނަ އަހަރު ވެފައިވާ ހަނގުރާމައެކެވެ. ފަލަސްތީނުގެ ރައްޔިތުންގެ އެތައް ޖީލެއް މި ހަނގުރާމައިގައި ވަނީ ނެތި ފަނާވެ ގޮސްފައެވެ. އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުން އެވެރިންގެ ބިމުގައި އަޅުވެރިންނަށް ހަދާފައެވެ. އިސްރާއީލުގެ ފާރަވެރި ސިފައިންގެ ހުއްދަ އާއި ނުލާ ބޭރަށް ނުކުމެ އުޅުމަކީވެސް ޣައްޒާގެ ރައްޔިތުންނަށް މަނާ ކަމެކެވެ. ހިނގާ ބިންގާ އުޅެވެނީ ވަކި މަގުތަކެއްގައި އެވެ. މިއީ 7 އޮކްޓޯބަރުގެ ކުރީގެ ވާހަކައެވެ.
ނަމަވެސް މިދިޔަ އޮކްޓޯބަރ މަހުގައި އިސްރާއީލުން ދޭންފެށި ހަމަލާތަކަކީ ފާއިތުވި އަހަރުތަކުގައި އިސްރާއީލުން ބާރުގެ ބޭނުންކޮށް އެންމެ ގިނަ މީހުން ޝަހީދުކޮއްލި ފަހަރެވެ.
7 އޮކްޓޯބަރުގެ ހަމަލާތަކުގައި މިހާތަނަށް އެތައް ހާސް ބައެއް ޝަހީދުކޮއްލައިފިއެވެ. ފަލަސްތީނުގެ ސައްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި 34,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮއްލާފައިވެއެވެ. މީގެ ތެރެއިން 72 އިންސައްތައަކީ ކުޑަ ކުދިންނާއި އަންހެނުންނެވެ. އެއްވެސް ގޮތަކަށް އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރެވޭނެ ވަރުގެ ނުވަތަ އެކަހަލަ ހަތިޔާރެއްވެސް ތިބި ބައެއް ނޫނެވެ. އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާ ޔޫއެންއިން ބުނާ ގޮތުތައި ކޮންމެ 10 މިނިޓަކުން ޣައްޒާގައި މީހަކު ޝަހީދުކޮއްލެއެވެ. ނުވަތަ ހަމަލާތަކުގައި އަނިޔާވެއެވެ. މިހާރު ހިދުމަތްދެވޭ ފެންވަރުގައި ހުރި ހޮސްޕިޓަލެއް އުތުރު ޣައްޒާއަކު ނެތެވެ. ސީދާ ހޮސްޕިޓަލް ތަކަށް އަމާޒުކޮށް، އެތަންތަން ވީރާނާ ކޮއްފައެވެ.
ޣައްޒާގެ 62 އިންސައްތަ މީހުންގެ ގެތައްވަނީ ހަލާކުކޮއްލާފައެވެ. ފާއިތުވި 7 މަސް ތެރޭގައި ޣައްޒާއަށް 75,000 ޓަނުގެ ބޮން އަޅާފައެވެ. 90,000 މިހުންގެ ގެތައްވަނީ ބިމާ ހަމަވެފައެވެ. 30,000 މީހުންގެ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިއެވެ. ވޯލްޑް ބޭންކާއި, ޔޫއެންއިން ނެރުނު ރިޕޯޓެއްގައި ބުނާ ގޮތުގައި ޣައްޒާ އާރަސްތު ކުރުމަށް 18.5 ބިލިއަން ޑޮލަރު ބޭނުން ވެއެވެ.
އިސްރާއިލުން ވަނީ އިންސާނީ ޒަރޫރީ އެތައް ކަމަކުން ޣައްޒާގެ ރައްޔިތުން މަހުރޫމް ކޮއްފައެވެ. އެގޮތުން ޣައްޒާގައި މިހާރު 1.1 މިލިއަން މީހުނަށް ބޭނުންވާ ކާނާ ވަނީ ލިބުންދަތިވެފައެވެ. 1.1 މިލިއަން އަކީ ޣައްޒާގެ އާބާދީގެ ދެބައިކޮއްފަ އެއްބައެވެ. ބަނޑުހައި ހޫނު ކަމުގައި އެތައް މިލިއަން މީހުން ތިބި އިރު ސާފު ބޯފެން ލިބެން ހުރި ތަންތަނަށްވެސް ޔަހޫދީ ސަފައިންވަނީ ސީދާ އަމާޒުކޮށް ހަލާކު ކޮއްލާފައެވެ. ޣައްޒާއަށް ވަންނަ ހުރިހާ ބޯޑަރުތަކެއް ކޮންޓްރޯލު ކުރަމުން ދަނީ އިސްރާއީލުގެ ޔަހޫދީ ސަފައިންނެވެ. ކައިރި އަރަބި ގައުމު ތަކުން ފޮނުވާ އެހީ ވެސް ޣައްޒާއަށް ވެއްދުމަށް އެމީހުން ދަނީ ދެކޮޅު ހަދަމުންނެވެ. މިހާތަނަށް ބަނޑުގައި ހޫނު ކަމުގައި 30 ކުދިން ވަނީ މުރުވެފައެވެ. 1.09 މިލިއަން މީހުންނަށް ބޭނުންވާ ރަނގަޅު ކާނާ ނުލިބުމުން ވަނީ ތަފާތު ބަލިތައް ޖެހިފައެވެ. ރަފާގައި އެތައް މިލިއަން މީހުން ތޮއްޖެހިފައި އެބަތިއްބެވެ.
އިސްރާއީލުގެ މި ލާއިންސާނީ އަމަލުތަށް ތާއިދުކުރަން އުޅަނގުން ބުނަމުންދާ އެކައްޗަކީ އިސްރާއީލަށް އެމީހުން އަމިއްލަށް ދިފާއުވުމުގެ ހައްގު ލިބިގެންވާކަމަށެވެ. ނަމަވެސް ހަމަ ބުއްދިއަކުން ވިސްނާލި ކޮންމެ މީހަކަށް އިސްރާއީލުން މި ކުރަނީ އަމިއްލައަށް ދިފާއުވުން ނޫންކަން އިނގޭނެއެވެ. ފަލަސްތަކީ އެމީހުންގެ އަމިއްލަ އަސްކަރިއްޔާ އެއް އޮތް ބައެއް ނޫނެވެ. އެމީހުންނަކީ އެމެރިކާގެ އަސްކަރީ އެހީ ލިބޭ ބައެއް ވެސް ނޫނެވެ. ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ދާ އަސްކަރީ ގްރޫޕެއް ކަމަށް ހަމާސް އަކީ އެއްވެސް ވަރަކަށް އިސްރާއީލިގެ އަސްކަރިއްޔާ އާއި އަޅާ ކިޔާލެވޭ ބައެއް ނޫނެވެ. އިސްރާއީލުން އެމީހުން އަމިއްލައަށް ދިފާއުވުމަށް ކަމަށް ބުނެ މަރަމުންދަނީ ކުށެއް ނެތް އާމުންނެވެ. އެމީހުން ހަމަލާތައް އަމާޒު ވަނީ ހޮސްޕިޓަލް ތަކަށެވެ. ރެފިއުޖީ ކޭމްޕް ތަކަށެވެ. މިސައިލް އަމާޒު ކުރަނީ މަގު މަތިން ހިނގާފައިދާ 15 އަހަރުގެ ކުޑަކުދިންނަށެވެ.
މިއީ އަމިއްލައަށް ދިފާއުވުމެއް ނޫނެވެ. މިއީ ނަސްލުނައްތާލުމެވެ.