ރާއްޖޭގައި އިންޑިޔާގެ ސިފައިން ގާއިމްވެފައި ތިބި މައްސަލައަށް އެއްވެސް ހައްލެއް ލިބިފައިނުވާތީ އަނެއްކާވެސް “އިންޑިޔާ އައުޓް” ކެމްޕެއިން ފައްޓަވާނެ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވައިފިއެވެ.
ރައީސް ޔާމީންގެ މައްޗައް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލް ކުރުމާއި ގުޅިގެން ކޯޓުގެ ބޭރުގައި ހުންނަވާ ނޫސްވެރިންނަށް ދެއްވި އެންމެ ފުރަތަމަ އިންޓަވިޔުގައި އިންޑިޔާ ސިފައިންގެ މައްސަލައަށް ހައްލެއް އައިސްފައި ނުވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކުރީ ސަރުކާރުން އިންޑިޔާ އާއެކު އޮންނަ ގުޅުން ހީނަރުވެދާނެ ކަމުގެ ބިރަށް ގާނޫނާ ގަވައިދާ ޚިލާފަށް ނެރުއްވި ގަރާރު ބާތިލް ކުރުމަށް އަދުގެ ސަރުކާރުގެ އިސް ފަޑީގައި ތިއްބެވި ފަރާތްތައް އޭރު އިދިކޮޅުގައި އޮވެ ގޮވާލިކަމަށާއި، އެހެން ނަމަވެސް މިއަދު ވެރިކަމުގައި ހުރެ އެ ގަރާރު ބާތިލް ނުކުރަން އުޅޭ ސަބަބެއްް ނޭނގޭ ކަމަށް ވެސް ރައީސް ޔާމިން ވަނީ ފާހަގަކުރައްވާފައެވެ.
އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ އަދި މީގެ ކުރިން އެމަނިކުފާނުގެ ގެކޮޅުގައި ހަރުކޮށްފައި ހުރި އިންޑިޔާ އައުޓް ބެނާރ އަލުން ހަރުކުރާނެ ކަމަށާއި، އެމަނިކުފާނު ހައްޔަރަށް ލައި ބަންދުކުރުމުން ވެސް “އިންޑިޔާ އައުޓް” ގޮވާލުމަކުން ނުހުއްޓުވޭނެކަމަށެވެ.