އެސްއީޒެޑުގެ ފުރަތަމަ ހުއްދަ ފްލޯޓިން ސޯލާ މަޝްރޫއެއް ހިންގުމަށް ދޫކޮށްފިއެވެ.
އެސްއީޒެޑުގެ ގާނޫނުގެ ދަށުން މި ހުއްދަދޫކުރުމަށް ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ބޯޑް އޮފް އިންވެސްޓްމަންޓްއިން މިއަދު ބޭއްވި ތިން ވަނަ ޖަލްސާގައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހުއްދަދޫކުރީ ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕް އަށް ކަމަށާއި އެ ކުންފުނިން މި ޕްރޮޖެކްޓު ހިންގަނީ ސަންގްރޯ ޕަވާ ސްޕްލައި ކޯ ލިމިޓެޑާ ގުޅިގެން ކަމަށާއި މި ޕްރޮޖެކްޓުގެ ދަށުން މާލެ ސަރަހައްދުގައި ގާއިމުކުރަނީ 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޮލްޓައިކް (ޕީވީ) ޕަވާ ޕްލާންޓަކާއި އެއާ ގުޅުންހުރި އިންފްރާސްޓްރަކްޗާކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ރާއްޖެގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުން އުފައްދާ ކަރަންޓަށް ހެދުމަށް 2028 ވަނަ އަހަރަށް ލަނޑުދަނޑިއެއް ކަނޑައަޅުއްވައިފައެވެ.
އެސްއީޒެޑް މަޝްރޫއެއް ހިންގޭނެ އަގު ދަށްކުރިފަހުން ފުރަތަމަ ފަހަރަށް ބޮޑު ޕްރޮޕޯސަލެއް ލިބިފައިވާކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 24ގައެވެ.