-Advertisement-

-Advertisement-

ތިމާގެ އަމިއްލަ ނަފްސާއި ދަރިންގެ ނަފްސާނީ ދުޅަހެޔޮކަން ބެލެހެއްޓުން

މިޒަމާޏުގައި ވަރަށް ގިނަ މައިންބަފައިންނާއި ބެލެނިވެރިންނަކީ މަސައްކަތާއި ބެލެނިވެރިކަން ބެލެންސް ކުރަން ޖެހޭ ބައެކެވެ. ކޮންމެ ޙާލަތެއްގައި ނަމަވެސް ބެލެނިވެރިވުމަކީ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުންތަކަށް އުނދަގޫ ކަމަކަށްވެއެވެ. ރޫޓިންތަކާއި އިޖުތިމާއީ ދިރިއުޅުމާއި އަހުލާޤުގެ ވަށައިގެން ދަރިންނާއެކު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ދަރިން ރަނގަޅަށް ދެނެގަނެ، އާ ކަންކަން ދަސްކޮށް، އާއިލާއެއްގެ ގޮތުގައި އެކުގައި އުޅުމަށްޓަކައި ތިމާގެ އަމިއްލަ ނަފްސާއި ދަރިންގެ ނަފްސާނީ ދުޅަހުޔޮކަމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

1. ބެލެނިވެރިއެއްގެ ހައިސިއްޔަތުން އެކަނި ވަގުތު ހޯދުމަކީ މައްސަލައެއް ނޫން
ހުރިހާ މައިންބަފައިންނަށް ވެސް އަމިއްލަ އަށް ވަގުތު ބޭނުންވާއިރު، އެ ވަގުތު ހޯދުމާއި ލިބުމަކީ ކޮންމެހެން މުހިންމުކަމެކެވެ. ގޭތެރޭގައި އެހެން ބޮޑެތި މީހުން އުޅޭނަމަ އެކަކު އަނެކަކަށް އަމިއްލަ ވަގުތު ހޭދަކުރުމަށް އެހީތެރިވުމަކީ ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ ކަމެކެވެ. ބައެއް ފަހަރު އަމިއްލަ ނަފްސަށް ވަގުތު ނުލިބުމަކީ ނާދިރު ކަމެއް ކަމަށް ހީވިޔަސް، އުފެއްދުންތެރި ވިސްނުމަކާއެކު، ތިމާ ރީޗާޖް ކުރަން ވަގުތުކޮޅެއް ހޯދާލަންވާނެއެވެ.

2. ކުދިންނަށް އަމިއްލަ ސްޕޭސް ހޯދުމަށް އެހީތެރިވެދިނުން
ކުޑަކުދިންނަށް ވެސް އަމިއްލައަށް އުޅެލުމަށް ވަގުތު ބޭނުންވާނެއެވެ. ގޭގައި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބުމަކީ އެކުގައި ވަގުތު ހޭދަކުރާއިރު ވަރަށް މަޖާ ކަމަކަށް ވެދާނެއެވެ. އެކަމަކު ކޮންމެ ކުއްޖަކަށް ވެސް އަމިއްލަ ޖާގަ ބޭނުންވާނެއެވެ. ދަރިން ދެނެގަނެ، އެކުދިންގެ އަމިއްލަ ކަންކަމަށް އަދި ޝައުގުވެރިކަން ހުނަނަ ކަންކަން ކުރުމަށް ކުދިންނަށް ވަކިން ވެސް ވަގުތު ހޯދުމަށް އެހީތެރިވެދޭށެވެ.

3. ސްޓްރެސް ދެނެގަނެ މެނޭޖްކުރާނެ ގޮތްތައް ހޯދުން
އެހެން މީހުން ކުރާ ކަންތައްތަކާއި ސޯޝަލް މީޑިއާގައި ޕޯސްޓުކުރާ ކަންތައްތަކާއި، ނުވަތަ އަހަރެމެންނަށް ނުކޮށްދެވޭ ކަންކަމަށް ބެލުމަށްފަހު އަމިއްލަ ނަފްސު ޖަޖުކުރުމަކީ ވަރަށް ގިނަ ބެލެނެވެރިންނަށް ވަރަށް އާއްމުކޮށް ދިމާވާ ކަމެކެވެ. އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭ ކޮންމެ ސްޓްރެސްއެއް މިސާލަކަށް ބެލެނިވެރިކަމާއި، މަސައްކަތާއި، ޢާއިލާއާއި، އެހެނިހެން ގޮންޖެހުންތަކާ ބެހޭގޮތުން އުފެދޭ އިހްސާސްތައް ދެނެގަނެ ރަނގަޅަށް މެނޭޖްކުރެވޭނެ ގޮތްތައް ހޯދައި އެކަންކަން ކުރުމަށް އަމިއްލަ ނަފްސަށް ވަގުތު ދޭން މަސައްކަތް ކުރާށެވެ.

4. ރޫޓިންސް އެންޑް ސްޓްރަކްޗަރ
ސްކޫލް ވަގުތުގައި ވިޔަސް، ހަފުތާ ބަންދު ވިޔަސް، ޗުއްޓީ ދުވަސްވަރު ވިޔަސް، ދުވަހާއި ހަފުތާ އަށް ބަހާލައިގެން ހާއްސަ ކަންކަން ރާވާލާށެވެ. އަބަދު ގޭގައި ތިބޭނަމަ އަދި އެއްކަމެއް ކުރާނަމަ ވަރަށް އަވަހަށް ފޫހިކަން އިހުސާސްކުރެވޭނެއެވެ. ވީމާ، ދުވަސް ރާވާލުމަށް މަސައްކަތް ކުރާށެވެ. ދުވަސް ފެށުމަށް އާއިލާ އެކުގައި ވަގުތު ކޮޅެއް ހޭދަކުރުމާއި ކެއުމުގެ ވަގުތާއި ނިދުމުގެ ރޫޓިންތައް އެއްހަމައެއްގައި ބެހެއްޓުމުން ހަމަޖެހުމުގެ އިހުސާސްކުރެވޭނެއެވެ.

5. ކާމިޔާބީ ފާހަގަކޮށް ތައުރީފު ކުރުން
ތިމާއަށާއި ދަރިންނަށް ހާސިލް ކުރެވޭ ކުދިކުދި ކަންކަން ފާހަގަކޮށް، ދަރިން ކުރާ ރަނގަޅު ކަންކަން ފާހަގަކުރުމަކީ ދަރިންނާއި ތިމާގެ އަމިއްލަ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދަރިން ރަނގަޅު ކަންކަން ކުރާހިނދު ތައުރީފު ކުރުމަށް ސަމާލުކަން ދޭށެވެ. ދަރިން ކުރާ ކަމެއްގެ ނަތީޖާއަށް ވުރެ ބޮޑަށް އެމީހުން ކަންކަމަށް ކުރާ މަސައްކަތަށް ތައުރީފު ކުރާށެވެ. އެކަމުގެ ސަބަބުން ބެލެނެވެރިން ދަރިންނަށް އިތުބާރު ކުރެވޭކަމުގެ އިހުސާސް އެމީހުންނަށް ކުރެވެއެވެ.

ޢާއިލާއަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއްބައެވެ. އަޅުގަނޑުމެންނަށް އެހީތެރިކަމާއި، އޯގާތެރިކަމާއި، އިރުޝާދާއި، ލޯތްބާއި، އެހީތެރިކަން ފޯރުކޮށްދޭބައެވެ. މިސަބަބުތަކަށްޓަކައި، ތިބާއަށާއި، ތިބާގެ ޢާއިލާގެ މެންބަރުންނަށް ހިތްހަމަޖެހުން ހޯދައި، އަޅާލުމާއި، ރައްކާތެރިކަމުގެ އިޙްސާސް ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ޢާއިލާއެއްގެ އުފާވެރިކަމަށް މަގުފަހިކޮށްދޭ ތަފާތު ކަންތައްތަކުގެ ތެރޭގައި މާލީ ހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަމާއި މުޢާމަލާތު ކުރުން ހިމެނެއެވެ. އެކުވެރި ގޭބިސީއެއްގެ ޢާންމު ސިފަތައް ދެނެގަތުމަކީ ތިމާގެ ޢާއިލާއަށް އެންމެ ފައިދާހުރި ގޮތްތައް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. އާއިލާ އެއް އުފާވެރި ވާނީ އާއިލާގެ ހުރިހާ މެންބަރުންވެސް އުފަލުގައި ތިބެގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-