ކަރަންޓުބިލް ބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސްމާޓް މީޓަރު ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒް މިހެން ވިދާޅުވީ ކަރަންޓް ބިލު ބޮޑުވާ މައްސަލައާ ގުޅޭގޮތުން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ.
މުއާޒު ވިދާޅުވީ ކަރަންޓުބިލް ބޮޑުވެފައިވަނީ ކަރަންޓު ބޭނުން ކުރާ ވަރު އިތުރު ވުމުގެ ސަބަބުން ކަމަށާއި އެކަމަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ގޭބީސީތަކުގެ ކަރަންޓް ބިލް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން މިހާރު ސްމާރޓް މީޓަރ ތައާރަފްކުރުމުގެ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށްދާކަމަށެވެ
މި ސްމާޓް މީޓަރުގެ ސަބަބުން ކޮންމެ ދުވަހަކުވެސް ކަރަންޓު ބޭނުން ކުރާ މިންވަރު އެނގި ބިލް ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް އެހީތެރި ވެދޭނެކަމަށް މުއާޒު ވިދާޅުވިއެވެ.
ސްމާޓް މީޓަރުގެ ހިދުމަތް ފުރަތަމަ ދ.ކުޑަހުވަދޫގައި ފެށުމަށް ވާން ހުރި ތައްޔާރީތައް ވަމުންދާކަމަށް މުއާޒް ވިދާޅުވިއެވެ.
އަދި ހަމަ އެހެންމެ ރައީސް މުއިއްޒުގެ ވައުދު ފުޅާއި އެއްގޮތަށް ރޯދަ މަހުގައި ކަރަންޓު ބިލުން ޑިސްކައުންޓް ދީފައިވާނެ ކަމަށް ވެސް މުއާޒް ފާހަގަކުރެއްވިއެވެ.