-Advertisement-

-Advertisement-

3 މަސް ތެރޭ ގޯތިތައް ހަވާލުކުރަން ޖެހޭ ގޮތަށް ބިލް ފާސްކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު

ކުރީ ސަރުކާރުން ‘ބިންވެރިޔާ’ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނު ބަދަލުކޮށް އެ ބިލް ފާސްކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ  ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އެވެ.

މިއަދު މަޖިލީހުން ފާސްކުރި އެ ބިލުގައި ކަނޑައަޅާފައި އޮތީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމާއި ހަމަ އެ ގާނޫނުގެ 13 ވަނަ މާއްދާއަށް (ނ) އަދި (ރ) ގެ ގޮތުގައި ދެ އަކުރު އިތުރު ކުރުމަށެވެ. ބިމާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް އިތުރު ކޮށްފައި ވަނީ ބަންޑާރަ ގޯތި ހަވާލު ކުރުމާ ބެހޭ މާއްދާއެކެވެ.

ބިމާ ބެހޭ ގާނޫނަށް މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަހުގެ ތެރޭގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ގޯތި ލިބުނު ފަރާތަށް ހަވާލުކުރަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މި ބިލު ފާސްވެ ގާނޫނަކަށް ވުމުން، ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށް ފަހު، ހަވާލުކޮށްފައިނުވާ ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ގާނޫނަށް އަމަލު ކުރަން ފަށާތާ ތިން މަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތަށް ހަވާލު ކުރަންޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

މި އިސްލާހު ގެނައުމުގެ މައިގަނޑު ސަބަބަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ނަމަވެސް އޭގެތެރެއިން ބިން ލިބުނު ކަމުގެ ލިޔުން މިހައިތަނަށް ހަވާލު ކޮށްފައި ވަނީ 8،394 މީހުންނަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-