ށ.ފުނަދޫއިން ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެ ރަށުން މީގެ ދެ ދުވަސް ކުރިން މީހަކު ހައްޔަރުކޮށްފައި ވަނީ ފުނަދޫ ދާއިރާގެ ގޮނޑި ނިމިދިޔަ މަޖިލީސް އިންތިހާބުގައި ކާމިޔާބު ކުރެއްވި ޕީއެންސީ ކެންޑިޑޭޓް މުޙައްމަދު މަމްދޫހަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައެވެ. އެއީ އުމުރުން 60 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އޭނާ ލައްވާ އެކަން ކުރުވުމުގައި އެ ރަށުގެ އިސް މަޤާމެއް އަދާކުރައްވާ ފަރާތެއްގެ ހިއްސާ އެބަ އޮތެވެ.
މަމްދޫހުގެ ނަން ޖަހައި ޤުރުއާނުގެ އާޔަތްތަކާއި އެކި ކަހަލަ އަކަ ކުރަހާފައި ރަށުގެ އެކި ގަސްގަހަށް ލޮއި ޖަހާފައި ހުރިކަން ފާހަގަކޮށްލެވެއެވެ. އެ ރަށުގެ ބައެއް ރައްޔިތުން އޭނާއަށް ހަމަލާ ދިނުމަށް ކޯޓު ކައިރިއަށް އެއްވި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެއްވި މީހުންގެ ތެރެއިން ބައެއް މީހުން ދުރުކުރަން ޖެހުނީ ޕެޕާސްޕްރޭ ޖަހައިގެން ކަމަށް ނޫސްތަކުން ހާމަކުރެއެވެ.
ސިހުރާ ބެހޭ ކަންކަން ދަންނަ މީހުން ހާމަކުރާ ގޮތުގައި އެ ގޮތަށް މީހާގެ ނަން ޖަހައި ޤުރުއާނުގެ އާޔަތްތަކަށް އުނިއިތުރުކޮށް ލިޔެ، އެކި ކަހަލަ އަކަ ކުރަހާފައި ހުންނަ ލޮއިކޮޅުގެ ޖުމްލަ 7 އެތިކޮޅު ސިހުރުހަދާ މީހުން ހަދާނެކަމަށް ވެއެވެ. އެހެން ނަމަވެސް އަދި ފެނިފައިވަނީ 5 އެތިކޮޅެވެ. ރައްޔިތުން އެއްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އަނެއް 2 އެތިކޮޅު ހޯދުމަށް ކަމަށް ބެލެވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.