ރާއްޖޭގެ ޑިފެންސް މިނިސްޓްރީއާއި އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްއާ ދެމެދު އަސްކަރީ ގުޅުން ވަރުގަދަކުރުމުގެ މަޝްވަރާ ކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ. އަދި އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސް ފަރާތުން މަޝްވަރާގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެޖުޓަންޓް ޖެނެރަލް ޖޯން ޕީޓާ ރޮނެކް ދަ ސެކަންޑެވެ.
އެގޮތުން މި މަޝްވަރާގައި ރާއްޖޭގެ އަސްކަރިއްޔާ އާއި މޮންޓާނާގެ ނޭޝަނަލް ގާޑްސްއާއެކު އޮތް ގުޅުންތަކާއި އަދި ކުރިއަށް އޮތް ތަނުގައި އެކުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭ މަޝްވަރާތަކެއް ކުރެވިފައިވެއެވެ.
ރާއްޖޭގެ ސިފައިންނާއި އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑުގެ ސިފައިން ގުޅިގެން ރާއްޖޭގައި އިއްޔެ ވަނީ ތަމްރީނު ޕްރޮގްރާމެއް ވެސް ފަށާފައެވެ.