މި ނިމުނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދ އަތޮޅު މާދެލީގައި އަޅައިދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެން މަސް ފެކްޓްރީ ފ ނިލަންދުގައި އެޅުމަށް ނިންމައިފިއެވެ.
އެގޮތުން މި މަޝްރޫއު ނިލަންދުއަށް ބަދަލުކުރުމަށް ނިންމައިފައިވަނީ، ޓޫރިސްޓު ރިސޯޓެއް ހިންގަން މާދެލީ ދޫކޮށްފައި އޮތުމާއި އެ މުއާމަލާތް ގޮސްފައިވާ މިންވަރަށް ބަލާއިރު، ބަދަލު ދީފައި އެ ރަށް ނެގުމަކީ މާލީ ގޮތުން ދައުލަތަށް ރަނގަޅު ނިންމުމަކަށް ނުވާނެތީ ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފ ނިލަންދޫއަކީ މި ސަރުކާރުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އާބަން ސެންޓަރުތަކުގެ ތެރެއިން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަށެއް ކަމުގައިވުމުން މާދެލީގައި ތަރައްގީ ކުރުމަށް ކުރިން ކަނޑައެޅުނު މަސް ފެކްޓްރީ ނިލަންދޫއަށް ބަދަލު ކޮށްފައިވާކަމުގައި އެ މިނިސްޓްރީން ބުނެއެވެ.
އަދި މި މަސް ފެކްޓްރީ ގާއިމް ކުރުމަށް ބޭނުންވާ ބިން ހަމަ ޖެއްސުމަށް އެ ރަށު ކައުންސިލާއެކު މަޝްވަރާތައް ކުރިއަށް ގެންގޮއްސައިވާ ކަމުގައިވެސް އެ މިނިސްޓްރީން ބުނެއެވެ.
މާދެލީ މަޝްރޫއުއަކީ އެ ރަށުގައި ބަނދަރެއް ހެދުމާއި، މުވައްޒަފުން ތިބުމަށް އެކޮމޮޑޭޝަން އެޅުމާއި މަގުތައް ހެދުމާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް އަދި 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ހިމެނޭހެން ރޭވި މަޝްރޫއެކެވެ.
މާދެލި ހިމެނޭ ގޮތަށް ތިން ރަށެއްގައި މަސް ފެކްޓަރީ ހަދަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު ފިޝަރީޒް މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ މަހުގެ 14 ގައެވެ. އެ އެއްބަސްވުމުގައި ފިޔޯރީ އާއި ފެލިވަރުގައި ވެސް މަސް ފެކްޓަރީއެއް ހެދުން ހިމެނެއެވެ.