މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒް ފައިދާ ނަގައި އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި އެމީހަކު ފަލީހަތްކޮށް ނުހެދުމަށާއި ކުށެއްގެ މައްޗަށް ގާނޫނު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އިލްތިމަސް ކުރައްވައިފިއެވެ.
ރައީސް މި ފަދައިން އިލްތިމާސް ކުރައްވައިފައި މިވަނީ، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރުކޮޅުގައި ޕިކަޕަކުން ޖެހި ހިނގައިދިޔަ އެކްސިޑެންޓާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) އެކަން ހައްލު ކުރައްވަން މަސައްކަތް ކުރައްވާ މަންޒަރު ފެންނަނަ ވީޑިއޯއެއް މީސް މީޑިޔާގައި ވަރަށް ބޮޑަށް ދައުރުވަމުން ދާތީ އެކަމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ގެ ޕޯސްޓްގައި އެމަނިކުފާނު ވަނީ، މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަހުލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ކުށެއް ކޮށްފި މީހަކާއި މެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމްވެފައިވާނެ ކަން ފާހަގަ ކުރައްވައި ރައީސްވަނީ، ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހެއް ކަމުގައި ވިދާޅުވެފައެވެ.
އާންމުވެފައިވާ ވީޑިއޯގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބީ މެމްބަރު އިންމު ބާރު އަޅަނީ އިމްރާން، އެ ޕިކަޕު ޑްރައިވަރަށް މާފުކޮށް އެކަން ނިންމާލުމަށެވެ. އަދި ކާރު ހަދަން ފައިސާ ބޭނުންވާނަމަ އޭނާ އެކަން ކޮށްދޭނެ ކަމަށް ވެސް ވިދާޅުވެއެވެ. އެ ވީޑިއޯގައި އިމްރާން އަދި އޭނާގެ އަނބިކަނބަލުން އެއްވެސް ބަހެއް ވިދާޅުނުވެ ތިއްބަވާ މަންޒަރު ފެނެއެވެ.
މި ހާދިސާއާއި ގުޅިގެން އަދާލަތުން ޕާޓިންވެސް ވަނީ، އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ބުނާގޮތުން މިއީ އެ ހާދިސާގައި ކުރީން ކަން ހިނގާދިޔަ ގޮތާއި އިމްރާނާމެދު އިންމު ކުރި ބަސްމަގު ބޭނުން ކުރީ ކަން ހިނގި ގިތް ގޮތް ބަދަލުކޮށް ކަން ހިނގާދިޔަ ގޮތް އޮޅުވާލުމަށް ކަމުގައެވެ.