މި ފެށޭ ދިރާސީ އައު އަހަރަށް މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ކުދިން ވެއްދުމަށް ބޮޑު ޑިމާންޑެއް ލިބިފައިވާ ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީން އމައުލޫމާތު ދިން ގޮތުގައި މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ސްކޫލުތަކަށް ކުދިން ވެއްދުމަށް ހުޅުވާލައިފައިވާ ފުރުސަތުގައި މިހާތަނަށް 2290 ފޯމު ވަނީ ލިބިފައެވެ. އެހެން ކަމުން މި އަދަދު އަދިވެސް އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، ގްރޭޑް އެކެއް ފިޔަވައި އެހެން ގްރޭޑްތަކަށް ކުދިން ވެއްދުމަށް 1،450 ފޯމު އަދި އަތޮޅުތަކުގެ ސްކޫލްތަކުން މާލެ ސްކޫލްތަކަށް ބަދަލުވުމަށް އެދި 790 ފޯމު ލިބިފައިވާ ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީއަށް ލިބެމުން އަންނަ ހުރިހާ ފޯމުތަކަކަށްވެސް 13 ވަނަ ދުވަހުގެ ކުރިން ޖަވާބު ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަ އަހަރު ފުރިފައިވާ އެކަމަކު 7 އަހަރު ނުފުރޭ ކުދިންނަށް ގުރޭޑް އެކަކަށް ވަނުމުގެ ފުރުސަތު ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.