ލޯކަލް ޓުއަރިޒަމްގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ އެ ވިޔަފާރީ އެންމެ ފުޅަ ދާއިރާއެއްގައި ކުރާ އެއްރަށް ކަމުގައިވާ ކ މާފުށީގައި އަލަށް ހިއްކި ބިމުން ހަ ގޯއްޗެއް ބޮޑު އަގުގައި ވިއްކާލައިފައެވެ.
އެގޮތުން މާފުށިން އަލަށް ހިއްކި ބިން ގަންނަން ހުޅުވައިލި ފުރުސަތުގައި ބިންގަންނަށް އެދި ކުރިމަތިލީ ވެސް ހަ ފަރާތުން ކަމުގައި މާފުށީ ކައުންސިލް ގެ ރައީސް ވިދާޅުވިއެވެ.
24.6 މިލިޔަން ރުފިޔާއަށް ވިއްކާލި އެ ގޯތިތައް ވިއްކާފައި ވަނީ އަކަފޫޓެއް، 2000ރ. އާއި 2012ރ. އާ ދެމެދުގެ އަގުތަކަށް ގާތްގަނޑަކަށް 2000 އަކަފޫޓުގެ އެ ގޯތިތައް، ވިއްކި ފަރާތްތަކަށް އެކަން އިއްޔެ އަންގާފައިވާ ކަމަށް މާފުށީ ކައުންސިލްގެ ރައީސް ޞަލާހު ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ގޯތި ގަތް އަގު ކައުންސިލަށް ދެއްކުމުން ރަސްމީކޮށް ގޯތި ގަތް ފަރާތްތަކާ ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޯތިތައް ގަތް ބައެއް ފަރާތްތަކުގެ ތެރޭގައި ރިސޯޓު އޯނަރުން ވެސް ހިމެނޭ އިރު ސީދާ އެފަރާތްތަކުގެ މައުލޫމާތު ގޯތިތައް ހަވާލު ކުރުމުގެ ފަހުގައި ހާމަކުރެވޭނެ ކަމުގައިވެސް ޞަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ހިއްކި އާ ބިމުން ޓޫރިޒަމް ލޭންޑްގެ ގޮތުގައި ތަރައްގީ ކުރާ ސަރަހައްދުން 8،000 އަކަފޫޓުގެ ތިން ގޯތި ކުއްޔަށް ދޫކުރަން ހުޅުވައިލާނެކަމުގައި ވިދާޅުވެ ޞަލާހް ވަނީ އެރަށުގެ ހިއްކި ބިމުން ޓޫރިޒަމުގެ ބޭނުމަށް ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މާފުށިން ރެކޯޑު އަގަކަށް ވިއްކި ކޮންމެ ގޯއްޗެއްގެ އަގު 4 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.
އެ ރަށު ކައުންސިލުން މިދިޔަ މާޗް މަހު ކުރި އިއުލާނުގައިވާ ގޮތުން ވިއްކަން ހުޅުވައިލި ގޯތީގެ ސައިޒުތައް އުޅެނީ 1،961.42 އާއި 1،961.48 އަކަފޫޓާ ދެމެދުގައެވެ.